ލޯކަލް ކައުންސިލް މެންބަރުންގެ ދައުރުގައި ބާކީ އޮތީ ދޮޅު އަހަރު ކަމުގައިވާނަމަ، އެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާއެވެ. ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފައެވެ.
ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހުމާއި، އޭގެ ސަބަބުން އެކަމަށްކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާތީ ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވާން ގާތްވެފައި ވަނިކޮށް، ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމެވެ.
މި އިސްލާޙުގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވިއިރު، އަދި ކައުންސިލްގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، އެ ކައުންސިލްގެ ޢުމުރުގައި ބާކީ އޮތީ 548 ދުވަސް (ދޮޅު އަހަރު) ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާ ނަމަ އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެން ނުވާނެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ހަމަ މި އުޞޫލު ހިނގާގޮތަށް ޤާނޫނު އިސްލާޙު ހުށައަޅާފައިވެއެވެ.
މި އިސްލާހު ފާސްވެ ޤާނޫނަށް ޢަމަލުކުރާނެ ދުވަހެއްގެ ގޮތުގައި ބިލުގައި ކަނޑައަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.