ޚަބަރު

ބްރޯޑުކޮމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވަން 6 ނަމެއް މަޖިލީހަށް


  • ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެވޭނީ ނަންތައް މަޖިލީހުން ފާސްކުރުމަށްފަހު

  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނަންތައް ދިރާސާކުރަން ވަނީ ފޮނުވާފައި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، އެކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:

• ޒަމްޢަތު އަހުމަދު ވަޙީދު، މަލަ/ ގދ. ތިނަދޫ
• އިބްރާހީމް އަޝްރަފް، ވ. މަޝްވެލި
• މޫސާ ރިޟްވާން، މ. ހާވިލާ
• ޒީނާ ޒާހިރު، އަތިރީގެ/ ގދ. ގައްދޫ
• ޢަލީ ޔޫސުފް، ބާރަނާ/ ޅ. ހިންނަވަރު
• ޝިމްލާ އަހުމަދު، އާޝްޓްރަލްގެ/ ސ. ހިތަދޫ

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރެއްވުމުންނެވެ. މެންބަރުންގެ ނަންތައް ފާސްކުރެއްވުމުގެ ކުރިން ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މެންބަރުންނާ އިންޓަވިއުކުރާނެއެވެ.

ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީއެވެ.

މީގެ އިތުރުން ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންވެސް މެންބަރަކު އައްޔަންކުރުމަށް 10 ނަމެއް ދިރާސާކުރަން ރައީސް ވަނީ މިފަހުން މަޖިލީހަށް ފޮނުއްވާފައެވެ.

7 މެންބަރުން ތިއްބަވާ ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބެވި މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ އައިމިނަތު އަމީނާއާއި އާމިނަތު ނުޒުހާއާއި މުޙައްމަދު އަބްދުﷲގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.