ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ލިބޭ ތަމްރީނެއް ފަށަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި ގޮތަށް ނިންމަވާފައި މިވަނީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ޙައްލުކުރުމުގެ މަޤުޞަދުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރެއިން އެކަމަށް ޝައުގުހުރި ފަރާތްތަކަށް ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ފުރުޞަތުދެވޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ކުރިއަށްގެންދާ ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމުންކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ކޯހުގެ ކޮންމެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ. މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ އަދި ހަދީސް ކިޔަވައިދޭނެއެވެ.
މީގެ އިތުރުން ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށްށެވެ.
ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ތަޖުރިބާހުރި އިލްމުވެރިން ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ޕްރޮގުރާމުގެ ފުރަތަމަ ބުރަށް 1 ޖޫންގައި ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމަކީ ކައުންސިލަރުންނަށް ޚާއްޞަ ޕްރޮގްރާމެކެވެ.
ޚަޠީބުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޒުވާން ޚަޠީބުން ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ 2 ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު، 270 އަށްވުރެ ގިނަ ޚަޠީބުން މިހާތަނަށް ސަނަދު ޙާސިލްކޮށްފައިވެއެވެ. އަދި މި ޕްރޮގުރާމުގެ ތިން ވަނަ ބުރަށް ހުޅުވާލި ފުރުޞަތުގައި 338 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައިވެއެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަމަށް އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން ވިދާޅުވިއެވެ.