މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޒީނާ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން، 10 މީހެއްގެ ނަން އެމަނިކުފާނު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
އެ ނަންތައް ކޮމިޓީން ދިރާސާކުރުމަށް ފަހު އޭގެ ތެރެއިން %75 ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ. އެންމެ މަތިން މާކްސް ލިބިފައިވަނީ މީގެ ކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރެއްވި ޒީނާ ޒާހިރުއައަށެވެ.
- ޒީނާ ޒާހިރު - %85.13
- އައިޝަތު ޝިޔާނާ - %83
- ޝިމްލާ އަހުމަދު - %82
- މޫސާ ރިލްވާން - %81
- ޒަމްއަތު އަހުމަދު ވަހީދު - %77.50
ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް މިއަދު ވަނީ އެ މަގާމަށް އައްޔަން ކުރުމަށްވެސް ނަންތަކެއް ފޮނުވައިފައެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރުމުންނެވެ. މަޖިލީހުން މެންބަރުން އައްޔަން ކުރުމުގެ ކުރިން ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މެންބަރުންނާ އިންޓަވިއުކުރިއެވެ.
ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަނުންގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.
7 މެންބަރުން ތިއްބަވާ ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބެވި 6 މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ އައިމިނަތު އަމީނާއާއި، އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.