ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 29ގެ ނިއަލަށެވެ.
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު މީގެ ކުރިން ހުޅުވާލާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، "މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު"ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭގެ ތައްގަނޑު މިހާރު ޖަހަން ނުޖެހޭނެކަމަށެވެ. އޭގެ ބަދަލުގައި، އެ އޮތޯރިޓީގެ "އެޕްލިކޭޝަން ފޯމް ފޯރ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޓް ޕްރޮގްރާމް" މި ފޯމު ފުރިހަމަކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށަހެޅުމުން ލިބޭ ޖަވާބާއެކު، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމު މިހާރު ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާއިރު، އަނެއް 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއްކަމަށެވެ. މި 13 ފުރުސަތު ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީއާއި، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީގެ އިތުރުން ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށެވެ.
މީގެއިތުރުން ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ މިއިން ކޮންމެ ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓަކަށްވުމަށް އެއް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އަދި ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕަންޑް) 10 ފުރުސަތު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.