ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ހުރިހައި އިޖުރާޢަތްތަކެއް ފުރިހަމަކުރައްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ޙުސްނީ މުބާރިކް މިހެން ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި ޖޭއެސްސީން ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަނުކުރާކަމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރުގެ މައްޗަށް ޝަރީޢަތަކަށް ނުފޫޒުފޯރުވިކަމުގެ ތުހުމަތުކުރެވި ސުލޫކީ މައްސަލައެއްގެ ގޮތުގައި މައްސަލަ ބެލުމަށްފަހު، ތުހުމަތުތައް ސާބިތުވެ އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށައެޅުއްވިއެވެ.
ޖޭއެސްސީން ހުށައެޅި މައްސަލަ ދިރާސާކުރެއްވުމަށްފަހު، އެ މައްސަލާގައި އިޖުރާޢީ އެއްވެސް މައްސަލައެއް ނެތްކަމަށް ފާސްކޮށް ކޮމިޓީން ވަނީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ތަޅުމަށް ހުށައަޅާފައެވެ.
ކޮމިޓީ ރިޕޯޓަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ބައެއް އިދިކޮޅު މެންބަރުން ވަނީ ފަނޑީޔާރުންގެ މައްސަލަ ބެލުމުގައި އިޖުރާޢީ ކަންކަން ފުރިހަމަނުވާކަމަށް ތުހުމަތުކުރައްވާފައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން އެ މައްސަލަ ދިރާސާކުރެއްވި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވީ މައްސަލަ ލިބުމާއެކު މައްސަލަ ކުރިއަށްގެންދާނެ ގޮތަކާ މެދު މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދިރާސާކުރަން ވަގުތުދޭން ކޮމިޓީން ނިންމެވިކަމަށް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފާހަގަކުރުވެނު ކަމަކީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި ކޮމީޓީގެ ދައުރަކީ ޖޭއެސްސީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުން ކަމަށެވެ. އަދި އެގޮތަށް ބެލި ބެލުމުން ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށްފައިވާކަމަށް ކޮމިޓީއަށް ޤަބޫލުކުރެވުނު ކަމަށެވެ. އެހެންކަމުން ކޮންމެހެން ފަނޑިޔާރުން ކޮމިޓީއަށް ހާޟިރުކުރަން ނުޖެހޭނެކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ޙުސްނީ ވިދާޅުވީ ޖޭއެސްސީން ހުށައެޅި މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ޖޭއެސްސީގެ ފަރާތުން ސާފުކުރެއްވިކަމަށެވެ. އަދި މިކަމާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ލަފަޔެއް ލިބުނު ކަމަށާއި އެ ލަފާގައި ބައެއް އިޖުރާއަތުތައް ފުރިހަމަނުވާކަމަށް ބުނެފައިވާ ކަމަށެވެ.
"ކައުންސެލް ޖެނެރަލް ލަފަޔެއްދިން މައްސަލަ ބަލަން ފެށި އިޖުރާއަތު ފުރިހަމަނުވާކަމަށް. މެންބަރުން ނިންމާފައިވަނީ ކޮމިޓީގެ ނިންމުމަށް ބަދަލެއް ގެންނަންނުޖެހޭކަމަށް. ރިޕޯޓާ އެއްގޮތަށް އެކަން ތަޅުމަށް ފޮނުވަން ނިންމާފައިވަނީ." ޙުސްނީ މުބާރިކް ވިދާޅުވިއެވެ.
މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާގައި ވަނީ ޖޭއެސްސީން ތަޙުޤީޤުކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން ޢަމަލުކޮށްފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގަގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާފައިވަނީ ކޮމިޓީގެ ދައުރެއް ނެތި ކަމަށެވެ. އެހެންވީމަ އެ އިޖުރާއަތު ފުރިހަމަ ނުވާކަމަށެވެ.
މިކަމާ ގުޅިގެން ޖޭއެސްސީގެ ރައީސް އަދި މާފުށީ ދާއިރާގެ މެންބަރު އަލްއުސްތާޛު ޙުސައިން ރިޟާ އާދަމް ވިދާޅުވީ ކައުންސެލް ޖެނެރަލް ލަފާދެއްވާފައިވަނީ ޤާނޫނުގައި އޮތް ގޮތުގެ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އެ ގޮތުން ޖޭއެސްސީގެ ޤާނޫނުގައި ބަޔާންކުރަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށައެޅޭ މައްސަލަތަައް ބެލުމާމެދު ގޮތެއް ކޮމިޓީން ނުވަތަ ކޮމިޝަނުން ނިންމައިފިނަމަ އެ މައްސަލަ ބެލޭނެކަމަށްކަމަށެވެ. އެހެންކަމުން ޖޭއެސްސީއަށްވެސް މައްސަލަ ބެލިދާނެކަމަށް ޖޭއެސްސީގެ ރައީސްކަންކުރައްވާ ރިޟާ ވިދާޅުވިއެވެ.
"ނުވަތަ ބޭނުންކުރަނީ ނަފީ ކުރާކަށް ނޫން. އެއީ އިޚްތިޔާރީ ބަހެއް. އެހެންވީމަ ކޮމިޝަނަށް އަދި ކޮމީޓިއަށްވެސް މައްސަލަ ބެލުމުގެ ބާރު ލިބޭ. އިޚްތިޔާރީ ބާރުގެ ހުދޫދުގެ ތެރެއިން މައްސަލަ ބަލން ކޮމިޝަނުން ނިންމީ. އެހެންވީމަ މި އިޖުރާއަތާ ކޮމިޓީން ޚިލާފުނުވޭ." ރިޟާ ވިދާޅުވިއެވެ.
ރިޟާ ވިދާޅުވީ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާގައި ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ތަހުޤީޤުކުރުމުގައި ވަކީލެއްގެ ފުރުޞަތު ދިނުމާއި ދިފާޢީ ހެކި ހުށައެޅުމަށް އެކަށިގެންވާ ވަގުތުދިނުން ހިމެނޭހެން ފަނޑިޔާރަށް ދޭންޖެހޭ ހުރިހާ ޙައްޤުތަކެއް ދީފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި މައްސަލަ ބެލުމާ ގުޅޭގޮތުން އޮތް ނުކުތާ ފިޔަވައި މައްސަލަ ތަހުޤީޤުކުރުމުގައި އެއްވެސް އިޖުރާއީ އައިބެއް ފެނިފައިނުވާކަން ކައުންސެލް ޖެނެރަލް ފާހަގަކުރައްވާފައިވާކަމަށްވެސް ރިޟާ ވިދާޅުވިއެވެ.