ލޯކަލް ކައުންސިލް މެންބަރުންގެ ދައުރުގައި ބާކީ އޮތީ ދޮޅު އަހަރު ކަމުގައިވާނަމަ، އެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާއެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާއެކުއެވެ.
ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހުމާއި، އޭގެ ސަބަބުން އެކަމަށްކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާތީ ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވާން ގާތްވެފައި ވަނިކޮށް، ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމެވެ.
މި އިސްލާޙުގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވިއިރު، އަދި ކައުންސިލްގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، އެ ކައުންސިލްގެ ޢުމުރުގައި ބާކީ އޮތީ 548 ދުވަސް (ދޮޅު އަހަރު) ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާ ނަމަ އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެން ނުވާނެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ހަމަ މި އުޞޫލު ހިނގާގޮތަށް ޤާނޫނު އިސްލާޙު ހުށައަޅާފައިވެއެވެ.