ޚަބަރު

އޭޖީ އޮފީސް ސިވިލް ސަރވިސްއިން ވަކިކޮށް، ވަކި ޚިދުމަތަކަށް ހަދަން މަޖިލީހުން ފާސްކޮށްފި


  • މިހާރު އެ އޮފީސް ހިންގަމުންދަނީ ސިވިލް ސަރވިސްގެ ދަށުން

  • ޤާނޫނު އަސާސީގައި ބަޔާންކުރަނީ ބަންޑާރަނައިބުގެ އޮފީހަކީ މިނިވަންތަނެއްކަމަށް

ސިވިލް ސަރވިސްގައި ނުހިމެނޭގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ޚިދުމަތަކީ ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ހުށައެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަައި ބަންޑަރަ ނައިބުގެ އޮފީހުގެ ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށައެޅިއެވެ. ނަމަވެސް އެބިލު ފާސްކުރަން ވޯޓަށް އެހުމުން މެންބަރުންގެ އަޣްލަބިއްޔަތުން ނިންމެވީ ބިލު އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.

ކޮމިޓީއަށް އަނބުރާ ފޮނުވުމުން އިސްލާހުތައް ގެނައުމަށްފަހު ކޮމިޓީން ފާސްކުރި ގޮތަށް ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ވޯޓުންނެވެ. މިހާރު މިބިލުގައި ވާގޮތުން ބަނޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންކަމަށް ބަޔާންކުރަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކެޓްރީ ޖެނެރަލާއި ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް އައްޔަންކުރެވޭ ފަރާތްތައްކަމަށް ކަނޑައެޅުމަށެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. މި ބިލު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2ވަނަ ދުވަހުއެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ބިލަކީ ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށް ހުށަހައެޅުއްވި ބިލެކެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް މި ބިލުގެ ބޭނުމެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

ޤާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަންތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސަރވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ޤާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ޤާނޫނުތަކެއްގެ ދަށުންނެވެ.

މި ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ. މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުކަމަށްވެސް ބިލުގައިވެއެވެ.

މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްޙީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނުއްވާފައެވެ.

ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން ޚާރިޖީ ވުޒާރާވެސް ވަނީ 2021 ވަނަ އަހަރު ޢަމަލުކުރަންފެށި ފޮރިން ސަރވިސް ޤާނޫނާއެކު، ސިވިލް ސަރވިސްގެ ދަށުން ވަކިކޮށްފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 90 ދުވަސް ފަހުންނެވެ.