އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 37 މެޗުން 66 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ގަދަ ފަހަކަށް ވާދަކުރާ ހަ ޓީމެއް އޮތްއިރު ހަތް ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 65 ޕޮއިންޓެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް 37 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. މިއީ އެ ކްލަބުގެ ތާރީޚުގައިވެސް ޕްރިމިއާ ލީގުގައި އެންމެ ދަށް ނަތީޖާތަކެއް ލިބިފައިވާ ފަހަރެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ ރީސް ޖޭމްސް ނަގައިދިން ހުރަހަކުން މާކް ކުކުރެޔާ އެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުގައި އަންނަ ބުދަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅެން އޮތް ނަމަވެސް ކޯޗު އަމޮރިމް މި މެޗަށް ނެރެފައިވަނީ ވަރުގަދަ ސްކޮޑެކެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
އެގޮތުން ޑިފެންޑަރ ހެރީ މެގުއާ ޗެލްސީގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނަ އިރުތަކެއް ނުވަނީސް ތައިރިގް ޖޯޖް އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ޔުނައިޓެޑްގެ ކީޕަރު އޮނާނާ ފައުލް ކުރިކަމަށް ބަލާ ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޗެލްސީ ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ރަށުން ބޭރުގަ އެވެ.