ޚަބަރު

ވާލާއި ކާޅު މަދުކުރަން ފިޔަވަޅު އަޅަންވާނީ އެހެން ގޮތެއް ނެތްނަމަ: އީޕީއޭ


  • ދިރޭތަކެތި ބެލެހެއްޓުމުގައި އެންމެ ރަނގަޅުގޮތް އީޕީއޭއިން ދެނެގަންނާނެ

  • ވާލާއި ކާޅުގެ ރަށްރަށުގައި ތިބި މިންވަރު ދެނެގަތުން މުހިއްމުކަން ފާހަގަކުރި

ވާލާއި ކާޅުގެ ސަބަބުން ދިމާވާ އުނދަގޫތަކުން ސަލާމަތްވުމަށް، އެހެން ގޮތެއްނެތްނަމަ އެފަދަ ދިރޭތަކެތި މަދުކުރުމުގެ ފިޔަވަޅުތައް އެޅިދާނެކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖޭންސީ، އީޕީއޭއިން ވިދާޅުވެއްޖެއެވެ.

އިޕީއޭއިން މިގޮތަށް ވިދާޅުވީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަވައިދެއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އެއޭޖެންސީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ރާއްޖޭގެ ދަނޑުވެރިންނަށް ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލު ހޯދުމަށް، އީޕީއޭއާ އެކު ބޭއްވި ބައްދަލުވުމުގައި، އެފަދަ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާއި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރާއި އެވުޒާރާގެ އިސްފަރާތްތަކުގެ އިތުރުން އީޕީއޭގެ އިސްފަރާތްތަކުންވެސް ބައިވެރިވި މިބައްދަލުވުމުގައި ވާލާއި ކާޅުގެ މައްސަލައާ ގުޅޭގޮތުން އީޕީއޭއިން ވަނީ ފުރަތަމަކަމަކަށް ވާލާއި ކާޅުގެ ރަށްރަށުގައި ތިބި މިންވަރު ދެނެގަތުން މުހިއްމުކަން ފާހަގަކުރައްވާފައެވެ. އޭގެ ފަހުން ދިރޭތަކެތީގެ ކަންކަން ހައްލުކުރުމަށް އަމަލުކުރެވިދާނެ އެންމެ ރަނގަޅުގޮތް ދެނެގަތުމަށް މަސައްކަތްކުރާނެކަން އީޕީއޭއިން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި އިޕީއޭއިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން އުނދަގޫތައް ފޯރާނަމަ ފަހުކަމެއްގެ ގޮތުން މަދުކުރުމަށް ވިސްނިދާނެކަމަށް އެއޭޖެންސީން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވާލާއި ކާޅު ގިނަވެ، އެހެން ދޫނިސޫފާ ސޫފާސޫފިތަކާއި ދަނޑު ބިންތަނުގައި ހައްދާތަކެއްޗަށް ގެއްލުންވާކަމުގެ ކަންބޮޑުވުންތައް ދަނީ އެކިފަރާތްތަކުން ފާޅުކުރަމުންނެވެ. އަދި މިކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ އަމަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ގެންދަވަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދީ، އާންމު ސަލާމަތްތެރިކަން ޔަޤީންކޮށް، ރަނގަޅު މަޢުލޫމާތު ދެވި ރޭވުންތެރިކަމާއެކު ކަންކަން އިންތިޒާމުކުރުމަށް އެވުޒާރާއިންދަނީ މަސައްކަތްކުރަމުންނެވެ.