މުލަކަތޮޅު މުއްޔާއި ނާލާފުށި ގުޅާލުމަށް ހަދާ މުލި - ނާލާފުށި ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 125.58 މިލިޔަން ރުފިޔާއަށެވެ. އެ ކުންފުންޏާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މުލީ އެއަޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މި މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ރަށް ގުޅުވާލުމަކީ އިޤްތިޞާދީ މަސައްކަތެއްކަމަށެވެ. ދެރަށް ގުޅުވާލުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެކަމަށެވެ.
"ނާލަފުށިގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތްތަކެއް ލިބޭމެ. ދެރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަވޭ. އެމްޓީސީސީއާއެކު ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އީއައިއޭވެސް ވަނީ ނިންމާފައި. އެހެންވީމަ މަސައްކަތް ފެށިގެން ނުހުއްޓި ބާރަށް ކުރިއަށްދާނެކަމަށް ޔަޤީންކުރަން. ދީފައި އޮތް މުއްދަތަށްވުރެ އަވަހަށް ނިންމާނެކަމަށް ޔަޤީންކުރަން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކޯޒްވޭ މަޝްރޫޢުގެ ދަށުން 655 މީޓަރުގެ ދިގު ކޯޒްވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ. 112 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުން މި މަޝްރޫޢުގައި ހިމެނެއެވެ.
މުލި - ނާލާފުށި ކޯޒްވޭގެ ޢަމަލީ މަސައްކަތް ފެށުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި ގަސް އިންދަވާފައެވެ.