ލިވަޕޫލްއިން އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ހޯދުމުގެ ކާމިޔާބީ ފާހަގަކުރުމަށް ހުޅުމާލޭގައި މެޗު ބެލުމާއެކު ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖައްސައިފިއެވެ.
މިހަރަކާތަކީ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކުލަބު މޯލްޑިވްސް (އޯއެލްއެސްސީ) އިން އިންތިޒާމުކުރާ ހަރަކާތެކެވެ. މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އާދިއްތަ ދުވަހުގެ ރޭގަނޑު 7:30 ފެށިގެން ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިހަރަކާތުގައި ލިވަޕޫލަށް ސަޕޯޓްކުރާ ކުދިބޮޑު އެންމެން ބައިވެރިވުމަށް އޯއެލްއެސްސީއިން ވަނީ ދައުވަތުދީފައެވެ.
މި ހަރަކާތުގެ ތެރެއިން ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ލިވަޕޫލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗު ނިމުމަށްފަހު ލިވަޕޫލަށް މިސީޒަންގެ ޕްރިމިއަރ ލީގުގެ ތަށި ހަވާލުކުރާ ވަގުތާ ދިމާކޮށް އެރޭ 10:15 އާއި 10:30 އާ ދެމެދުގައި ކަމަށް އޯއެލްއެސްސީއިން ވަނީ މައުލޫމާތުދީފައެވެ.
އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކުލަބު އޮފް މޯލްޑިވްސް އަކީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބު ކަމުގައިވާ ލިވަޕޫލް ފުޓްބޯޅަ ކުލަބުގައި 2018 ވަނަ އަހަރު ރަސްމީކޮށް ރަޖިސްޓަރީވެގެން ހިންގަމުން އަންނަ ދިވެހި ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖޭގައި އެންމެ ހަރަކާތްތެރިކޮށް ހިންގަމުން އަންނަ ސަޕޯޓާސް ކުލަބު ކަމަށްވާ އޯއެލްއެސްސީއިން ވަނީ ސަޕޯޓަރުންގެ މެދުގައި މެޗުބެލުމުގެ ހަރަކާތްތަކާއި، އެކިއެކި މުބާރާތްތައްވެސް ގިނަ އަދަދަކަށް ބާއްވާފައެވެ.
އޯއެލްއެސްސީއިން މިހާތަނަށް ހިންގާފައިވާ ފާހަގަކޮށްލެވޭ ހަރަކާތްތަކުގެ ތެރޭގައި ލިވަޕޫލުގެ ލެޖެންޑް ޑެނިއަލް އެގާ ރާއްޖެ ގެނެސް "މީޓް އެންޑް ގްރީޓް އެގާ" ގެ ނަމުގައި ހިންގި ހަރަކާތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އޯއެލްއެސްސީއިން ވަނީ އިޖުތިމާޢީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީއަށް ފައިސާގެ އެހީވެސްވެދީފައިވެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރޮޅުލީ ގޮނޑި ހަދިޔާކުރުމަށް ބޭއްވި "ފްރީޑަމް ޗެރިޓީ" އިވެންޓަކީވެސް ވަރަށް ކާމިޔާބުކަމާއެކު އެ ޖަމުއްޔާއިން ހިންގާފައިވާ ހަރަކާތެކެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ކާމިޔާބު ކުލަބު ލިވަޕޫލްއާއެކު ދިވެހިރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންވެސް ވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ކުލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ގޮތުގައި ދިވެހިރާއްޖެވަނީ ކަނޑައަޅާފައެވެ.
ލިވަޕޫލް އެފްސީއާއެކު "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސުމުން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުވާ މިންވަރު އިތުރުވެގެންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަވެގެންދާނެއެވެ. މި ކެމްޕޭނަކީ ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދަން ރާވާފަވާ ހަރަކާތެކެވެ.