ކުޅިވަރު

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާނީ އިބާދުﷲ އާއި ޒިވާ


މި މަހުގެ 27 އިން 31 ގެ ނިޔަލަށް ކޮރެއާގެ ޖޫމީގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ފުރައިފިއެވެ. މި މުބާރާތުގައި ރާއްޖޭން ވާދަކުރަނީ އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއުއެވެ.

މި މުބާރާތަށް އެތުލީޓުން ހޮވާފާއިވަނީ ޓައިމް ޓްރަޔަލްތަކަކަށްފަހު އެންމެ މަތިން ޕޮއިންޓް ހޯދި އެތުލީޓުންނަށް ފުރުސަތުދީގެންނެވެ. މިމުބާރާތުގައި މީގެ ކުރިންވެސް ދިވެހި އެތުލީޓުން ވަނީ ބައިވެރިވެ ރަނގަޅު ނަތީޖާތައް ހޯދާފައެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި އިބާދުﷲ ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގައެވެ. އަދި ޒިވާ ވާދަކުރުމަށް މި ވަގުތު ފައިނަލް ކުރެވިފައިވަނީ 200 މީޓަރު އިވެންޓުގައި ކަމަށާއި، އޭގެ އިތުރުން ދެން ޒިވާ ވާދަކުރާނީ 100 މީޓަރު ނޫނީ 400 މީޓަރު ރޭހުގައި ތޯ ނިންމާނީ ކޮރެއާއަށް ދިޔުމަށްފަހު ކަމަށް މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މައުލޫމާތުދީފައެވެ.

މި ދެ އެތުލީޓުން މުބާރާތަށް ފަރިތަކޮށްފައިވަނީ ސީނިއަރ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު، ހުސެއިން ހަލީމްގެ އިރުޝާދުގެ ދަށުންނެވެ. އިބާދުﷲ އަދި ޒިވާ އަކީ "އަރުތަ" ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ހަދަމުންދާ ދެ އެތުލީޓުންނެވެ. އެހެންނަމަވެސް މި އެތުލީޓުންގެ ފަހުގެ ތަމްރީނުތައް ހަދާފައިވަނީ ރާއްޖޭގައެވެ.

މި ދެ އެތުލީޓުން ރާއްޖެ އައިސްފައިވަނީ މިމަހުގެ ކުރީކޮޅުގައި އިންޑިއާގެ ރާންޗީގައި ކުރިއަށްގެންދަން ރާވާފައި އޮތް، ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން އެ ގައުމަށް ދިއުމަށެވެ. އެހެންނަމަވެސް އިންޑިއާ އާއި ޕާކިސްތާންގެ ހަމަނުޖެހުންތަކާ ހެދި ސައުތު އޭޝިއާގެ އެތުލެޓިކްސް މުބާރާތް ފަސްކުރުމާއެކު، އިބާދުﷲ އާއި ޒިވާގެ ޓްރެއިނިންތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައެވެ.

ބާރުދުވުންތެރިޔާ އިބާދުﷲ ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ. މީގެ އިތުރުން ޒިވާއަކީވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ އެތުލީޓެކެވެ. އޭގެ ތެރޭގައި، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އެ އަހަރު ޗައިނާގައި ބޭއްވި، އޭޝިއަން ގޭމްސް ހިމެނެއެވެ.