އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމަކީ ފައިދާއެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
މި ސީޒަން ނިންމާލުމަށްފަހު އޭޝިޔާއަށް މިހާރު ކުރަމުންދާ ދަތުރުގައި މެލޭޝިޔާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ ކުރިއަށް އޮތް ސީޒަނަށް ޓާގެޓެއް ކަނޑައެޅުމަކީ އަދި ރަގަޅު ކަމެއް ނޫން ކަމަށާއި އަމާޒަކީ ފުރަތަމަ މެޗުން ރަގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.
"އަންނަ ސީޒަނަށް ޓާގެޓެއް ކަނޑައެޅުމަކީ އަދި ރަގަޅު ކަމެއް ނޫން. އަހަރެންގެ އަމާޒަކީ ފުރަތަމަ މެޗުގައި ރަގަޅު ނަތީޖާއެއް ހޯދުން އަދި އޭގެ ފަހުން ދެވަނަ މެޗާއިމެދު ވިސްނުން." އަމޮރިމް ބުންޏެވެ.
"ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމަކީ ޓީމަށް ލިބޭނެ އެޑްވާންޓޭޖެއް. ޔޫރަޕްގެ ފުޓްބޯޅަ ނުކުޅޭނަމަ ޕްރިމިއާ ލީގަށް ފޯކަސް ކޮށްގެން ރަގަޅު ނަތީޖާތަކެއް ލީގުގައި ހޯދުމަށް މަސައްކަތް ކުރަން ފަސޭހަވާނެ." އަމޮރިމް އިތުރަށް ބުންޏެވެ.
ޕްރިމިއާ ލީގުގައި މި ފަހަރު ތާވަލުގެ 15 ވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތް ނަމަވެސް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން އެ ޓީމު މޮޅުވިނަމަ ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބިގެންދާނެ އެވެ.
އޭޝިޔާއަށް ކުރަމުންދާ ދަތުރުގައި މެންޗެސްޓަރ ޔުނައިޓެޑް ދެ މެޗު ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި އާސިޔާން އޯލް ސްޓަރ ޓީމާއި ދެކޮޅަށް މިއަދު ކުއަލަ ލަމްޕޫރުގައި މެޗެއް ކުޅުމަށްފަހު އެ ޓީމު ދެން ނިކުންނާނީ އަންނަ ހުކުރު ދުވަހު ހޮންކޮންގ އާއި ދެކޮޅަށެވެ.
އަމޮރިމް ވަނީ މި ދަތުރުގައި މެންޗެސްޓަރ ޔުނައިޓެޑްގެ 32 ކުޅުންތެރިންގެ ސްކޮޑުގައި އެކަޑެމީގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ކަސެމީރޯ އާއި ބްރޫނޯ ފެނާންޑޭޒްގެ އިތުރުން އަލެހަންދްރޯ ގަރްނާޗޯ ފަދަ ކުޅުންތެރިން ހިމަނާފަ އެވެ.