ޚަބަރު

އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުޅިފަޅުން ގޯތި ދޫކުރަން މިއަދު އަލުން ގުރުއަތުލަނީ


  • ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް 3 ފަހަރުވަނީ ބަދަލު ގެނެސްފައި

  • ގުޅިފަޅުން 7 ސައިޒުގެ 3557 ގޯތީގެ ގުރުނެގުމަށްވަނީ ހަމަޖެހިފައި

އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުޅިފަޅުން ގޯތި ދޫކުރުމަށް އަލުން ގުރުއަތުލުން މިއަދު ކުރިއަށްދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިގޮތަށް ނިންމާފައިވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއްއައުމާ ގުޅިގެންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް 3 ފަހަރެއްގެ މަތިންވަނީ ބަދަލު ގެނެސްފައެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގެ ތަރައްޤީގައި ގުޅިފަޅަކީ މުހިއްމު ސަރަހައްދެއްކެވެ. ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގެ ދަށުން ގިނަ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ސަރަޙައްދެކެވެ. މިސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ އޮތް އެންމެ ބޮޑު ސުވާލަކަށް ވެފައިވަނީ ގުރުއަތުލުން ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުންނެވެ. މިމަޝްރޫޢާއި ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިމަހުގެ 15ވަނަ ދުވަހު ގެޒެޓުކުރެވުނު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ހުށައެޅުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް އަދި ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާއާއި މަޝްވަރާކުރުމަށްފަހު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ޝާޢިއުކޮށްފައިވާކަމަށެވެ.

"ކުރިން ޕަބްލިޝްކުރި އެލްޔޫޕީއަށް އައި ކޮމެންޓްތަކާއެކު، އެޔޫނިއަންއާއި ވާހަކަދައްކާފައި އެލްޔޫޕީ މިއަދު ޕަބްލިޝްކުރެވިއްޖެނަމަ އަޅުގަނޑުމެން މާދަމާގުރުއަތު ނަގައިގެން އެފަރާތްތަކާއެކު އައު ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ފަށާނަން" ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ބަންޑާރަގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލާން ހަމަޖެހިފައިވާކަމަށެވެ. އަދި އެގޮތަށް ނިންމީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް އައިސްފައިވާތީ އެޕްލޭނަށް ރިޢާޔަތްކޮށްގެންކަމަށާއި، އެއާއެކު ކުރިން ބިން ލިބިފައިވާ ފަރާތްތަކުގެ ލޮޓް ނަމްބަރަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ 3557 ގޯތީގެ ގުރު ނެގުމަށްވަނީ ހަމަޖެހިފައެވެ.

ގުޅިފަޅުގެ ގޯތިތަކުގެ ގުރުއަތުލުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 14:30ގައި އުސް ފަސްގަނޑުގައެވެ. އުސްފަސްގަނޑުގައި ކުރިއަށްގެންދާ މި ގުރުއަތުލުން ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ދައްކާނެއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ގުރުއަތުލުން ކުރިއަށްދާ ސަރަޙައްދަށް ވަދެވޭނީ ބިން ލިބޭ ފަރާތްތަށް ނުވަތަ އެފަރާތުގެ ބަދަލުގައި ކަނޑައަޅާ ވަކި ފަރާތެއް ހިމެނޭހެން ކޮންމެ ޕްލޮޓަކަށް އެންމެ މީހަކަށްކަމަށެވެ. މިގޮތުން ބަދަލުގައި މީހަކު ހަމަޖައްސާކަމުގައިވާނަމަ، ބިން ލިބޭ ފަރާތުން އެމީހާ ގުރުއަތުގައި ބައިވެރިވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީއާއެކު އައުމަށްވަނީ އެދިފައެވެ. އަދި ގުރުއަތުލުން ކުރިއަށްދާ ވަގުތު، ހިޔަވަހި ޕޯޓަލްއިން ޕްލޮޓްތައް ކަނޑައެޅެމުންދާ ފަރާތްތަކަށް އެކަން ޕޯޓަލްގެ ތެރެއިން ފެނިގެންދާނެކަމަށާއި، ބިން ހަމަޖެހުމާއެކު އެކަން އެސް.އެމް.އެސްއެއްގެ ޒަރިއްޔާއިން އަންގާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކާއި ބިން ލިބޭ ފަރާތްތަކާއެކު ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ފަހުން ހާމަކުރައްވާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.