ޚަބަރު

މައްކާގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް


  • 2 މީހަކަށް ވަނީ ފުރުސަތު ހުޅުވާލާފައި

  • 11 ޖޫންގެ މެންދުރު 12:00 ގެ ކުރިން ގޫގުލްފޯމް ހުށަހަޅަންޖެހޭ

މައްކާގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ފުރުސަތު ހުޅުވާލާފައިވަނީ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރުއާން“ މުބާރާތުގައެވެ. މިކަމާއި ގުޅިގެން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މުބާރާތުގެ 2 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން ބައިވެރިއަކު (ޖުމުލަ ދެ ބައިވެރިން) ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައި ވާކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:

1- ފިރިހެނަކަށްވުން
2- ދިވެހި ރައްޔިތަކަށްވުން
3- ހިޖްރީ ގޮތުން ޢުމުރުން 25 އަހަރު ފުރިފައި ނުވުން
4- ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން
5- ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން

މި މުބާރާތުގައި ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުތުތަކުތެރޭގައި މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން ހިމެނެއެވެ. މި ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރުއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ. ވިދިވިދިގެން ޤުރުއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ވިދިވިދިގެން ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުން ދަސްކޮށްފައިވާ ފަރާތްތަކަށެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މި މުބާރާތަށް، ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައި ކަމަށެވެ. އަދި ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު މިމުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެ ކަމަށެެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ގޫގުލްފޯމު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ.