ޚަބަރު

މިއަދަކީ މައުރަޒުގެ ފަހު ދުވަސް، ޚާއްސަކޮށްފައިވަނީ އާއިލީ ދުވަހެއްގެ ގޮތުގައި


  • ހެނދުނު 7:00 އިން 11:00އަށް ކުޑަކުދިންނާ ގުޅޭ ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވޭ

  • ހަވީރު 4:00 އިން 6:00އަށް މައުރަޒުގައި ތަފާތު ޙަރަކާތްތައް ކުރިއަށްދާނެ

  • ރޭގަނޑު 8:00 އިން 11:00އަށް މައުރަޒުގައި ތަފާތު ޙަރަކާތްތައް ކުރިއަށްދާނެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒާއެކު ކުރިއަށްގެންދާ ޙަރަކާތްތައް މިއަދު ޚާއްސަކޮށްފައިވަނީ، ޢާއިލީ ދުވަހެއްގެ ގޮތުގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 23ވަނަ ދުވަހު ހުޅުވި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެހެންދުވަސްތަކާއި ޚިލާފަށް މިއަދު ހުޅުވާ ވަގުތައްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިއަދު ހެނދުނު 7:00 އިން 11:00އަށް ކުޑަކުދިންނާ ގުޅޭ ކުޅިވަރުތައް މައުރަޒުގައި ކުރިއަށްގެންގޮސްފައިވާއިރު، އެހެން ދުވަހެކޭވެސް އެއްގޮތަށް މިއަދު ހަވީރުވެސް 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 11:00އަށް މައުރަޒުގެ ޙަރަކާތްތައް ކުރިއަށްދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަދު ހަވީރާއި ރޭގަނޑުވެސް، ސްޓޭޖް ލައިވް ޕަރފޯމެންސް ތަކާއި އެކި އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދަކީ، ދިވެހީންގެ ޒަމާނީ މަސައްކަތްތެރިކަމާއި، ޒަމާންވީ ފަންނުވެރިކަން ހިމެނޭހެން، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ތަނަކުން ދައްކުވައިދޭ، މި މައުރަޒު ކުރިއަށްދާނެ އެންމެ ފަހު ދުވަސްކަން ފާހަގަކުރައްވާ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެހެން ދުވަސްތަކާ ޚިލާފަށް މިއަދު މައުރަޒުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.

މިއަދު މައުރަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި:

އެންސީއޭ ބޭންޑް
ފަންނުވަރު
ރޮބޯމޭން
ހޭވައްލާ ބޮޑުބެރު
ފެޝަން ޝޯވް
ކޮކޯ މާފިއާ
ކާރނިވަލް ގޭމްސް
360 ވީޑިއޯ ބޫތް
ބާސްކެޓްބޯލް ޝޫޓިންގް
ލެގޮ ބިލްޑިންގ

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ މަޤްސަދުގައި ސަރުކާރުން ބާއްވާ މި މައުރަޒުގެ ހުރިހާކަމެއް ކުރިއަށްގެންދަވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީސީސީއިންނެވެ.