ސަމޯއާގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެ ޤައުމުގެ ހެޑް އޮފް ސްޓޭޓް ޓުއާމާލޮއިލީފަނޯ ވާލްޓޮއަ ސުއަލައުވިއަށާއި ބޮޑުވަޒީރު ފިއަމީ ނިޔޮމީ މަދަފާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަމޯއާގެ މިނިވަން ދުވަސް ހާމަކޮށްދެނީ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމާއި ފާގަތިކަމާއި ކުރިއެރުން ހޯދުމަށް ބަޔަކު ކުރާ ބުރަ މަސައްކަތް ކަމަށެވެ.
ރައީސް ވިދާޅުވީ ސަމޯއާއާއި ރާއްޖެއަކީވެސް ކުދި ޖަޒީރާ 2 ޤައުމަށްވާއިރު، 2 ޤައުމަށްވެސް އެއްގޮތް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން ދޭދޭ ގުޅުންތައް ވަރުގަދަކޮށް ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
Pleased to convey warm greetings and best wishes to the Head of State His Highness Tuimalealiifano Vaaletoa Sualauvi II, Prime Minister Her Excellency Fiamē Naomi Mata'afa, the Government, and the people of Samoa on their Independence Day. As Samoans celebrate this joyous… pic.twitter.com/oXsEtSmHrS
— Dr Mohamed Muizzu (@MMuizzu) June 1, 2025
މީގެ އިތުރުން ސަމޯއާގެ ހެޑް އޮފް ސޭޓްޓާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ވަކިން ފޮނުއްވި ސިޓީފުޅެއްގައި ސަމޯއާގެ ރައްޔިތުންނާއި ސަރުކާރަށް ހެޔޮ އެދުންތަކާއި ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ.
މި ސިޓީފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ސަމޯއާގެ ވެރިންނަށާއި ރައްޔިތުންނަަށް އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގެން ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގެންފައެވެ.
ނިއުޒީލެންޑްގެ ހިމާޔަތުގެ ދަށުން ސަމޯއާއަށް މިނިވަންކަން ލިބުނީ 1962 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދުވަހަކީ އައު އަހަރު ފެށުމުގެ މުނާސަބާ ފާހަގަކުރާ ދުވަހަށްވާތީ، މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ ޖޫން މަހެއްގެ 1 ވަނަ ދުވަހުއެވެ.