ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާއާ ދެމެދު ސޮއިކޮށްފިއެވެ.
މިމަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ޑީސެލިނޭޝަން ޕްލާންޓަކީ މުޅި އެސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެ ޕްލާންޓެއް ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
އެމްޑަބްލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވީއާ ކުންފުންޏާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކުރާނެއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމަށް މީރުމާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ދެކުންފުނީގެ އިސްވެރިންގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މޭނެޖިންގް ޑިރެކްޓަރ އަބްދުލް-މަތީން މުހައްމަދުއެވެ. ކެނޭޑިވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކޭޝީ އައިބާއެވެ.
މިއެއްބަސްވުގެ ދަށުން ގާއިމްކުރާ، ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްލާންޓުގައި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. އަދި މިނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް މި ޕްލާންޓުގައި ޤާއިމްކުރާނެއެވެ.
މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީންނެވެ. އެގޮތުން ކުންފުނީގެ ކޭޝްފްލޯ އަދި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިން އެހީގައި މި ޚަރަދުތައް ކުރުމަށް ނިންމާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި މަޝްރޫޢުގެ ބާކީ ޚަރަދުކުރާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުން ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެކުންފުނިން މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަކީ ޑީސެލަށް ބަރޯސާވެގެން، ދެވޭ ޚިދުމަތެއް ކަމަށެވެ. މިވަގުތު އެ ޚިދުމަތް ދެނީ ރަށްރަށުގެ ކަރަންޓު ގްރިޑް މެދުވެރިކޮށް ލިބޭ ހަކަތައިންކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިފަދަ ނިޒާމެއްގެ ސަބަބުން، މިކަމަށް ކުރަންޖެހޭ ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.
" މީގެ ސަބަބުން ރަށްރަށުގެ ފެނުގެ ޚިދުމަތް ދިނުމަށް މާލީ ގޮތުން ދެކޮޅު ޖެހޭ ނިޒާމަކަށް ބަދަލުކުރެވޭނެ. މިމަސައްކަތް ވެގެންދާނެ ރާއްޖޭގެ ޔޫޓިލިޓީ ކުންފުނިތަކަށްވެސް ބޭނުންތެރި މަސައްކަތަކަށް، މިއާއެކު ފެނުގެ ޚިދުމަތް ދިނުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރެވި ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެހީތެރިވެދޭނެ " މަތީން ވިދާޅުވިއެވެ.
ކުޅުއްދުއްފުށި ސީޓީގައި ޤާއިމް ކުރެވޭ މި ނިޒާމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިންމާލުމަށް، ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ މިމަސައްކަތަކީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދެވޭނެފަދަ މަޝްރޫޢެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވި ދެމެހެއްޓެނިވި ފެން އުފެއްދުމުގެ ނިޒާމުތަކެއް ރަށްރަށުގައި ޤާޢިމްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.