ރިޕޯޓް

ރިޕޯޓް: ނޭފަރު ރާގު - އަހަރެމެން ބޮނީ ސޭ..


ފާދިއްޕޮޅު ނައިފަރު ފާހަގަކުރެވެނީ ދިވެހި އަދަބިއްޔާތުގައި ވިދާލި ކުޅަދާނަ އަދީބުންނާއި، ޝާޢިރުން އެރަށަކަށް ނިސްބަތްވާ ރަށެއްގެ ގޮތުގައެވެ. އަދި ރާއްޖޭގެ ރަށެއްގައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ ސްކޫލް ކަމުގައިވާ މަދްރަސަތުލް އިފްތިތާޙް ނިސްބަތްވާ ރަށަކީވެސް ނައިފަރުގައެވެ. ނައިފަރަކީ ޢިލްމީ މީހުން ގިނަ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މީހުން ޢިލްމުވެރިކުރުވި ރަށެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އިލްމީ ކަންކަމުގެ އިތުރަށް ނައިފަރޭ ބުނުމުން އެރަށް ދަންނަ ކޮންމެ މީހަކުވެސް ބުނަނީ، ނައިފަރު މީހުން ބުނާނޭ ސޭބޯން އަންނާށޭ މިހެންނެވެ. "ސޭބޯން" މި ބަހުގެ އިތުރުން ނައިފަރު މީހުން ވާހަކަ ދައްކައި އުޅޭނީ، ރާއްޖޭގެ އުތުރަށް ބަލާއިރު އެންމެ ތަފާތު ގޮތަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދާދިފަހުން ނައިފަރުގައި ފާހަގަކުރެވުނު "ފާދިއްޕޮޅު އަދަބީ ޢީދު"ގެ ޙަރަކާތްތައް އަޅުގަންޑުމެން ޕީ.އެސް.އެމް ޓީމުން ކަވަރު ކުރަމުން ދިޔައިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، ނައިފަރު މީހުން ވާހަކަދައްކާ ގޮތާއި، ވާހަކަ ދެއްކުމުގައި ބޭނުންކުރާ ރާގުގެ ތަފާތުކަމެވެ.

މީގެ ކުރިން ނައިފަރު މީހުން ވާހަކަދައްކާއުޅޭ ތަފާތު ބައެއް ބަސްތައް އަޑު އިވިފައިވީނަމަވެސް، ނައިފަރު ދަރިވަރުން އަދަބީ ޢީދުގައި ހުށައަޅައިދިން އައިޓަމްތަކުގައި ބޭނުންކުރި ޑައިލޮގްތަކުން އެކަނިވެސް އެރަށު މީހުން ވާހަކަދައްކާ ބަހުރުވައިގެ ތަފާތުކަން ފެނުނެވެ. މިއީ އެމީހުން ދޫކޮށްނުލައި ދަމަހައްޓަމުން އަންނަ ބަސްތަކެއްކަމާއި ބަހުރުވައެއްކަން އަދަބީ ޢީދުންނާއި އެރަށުގެ މީހުން ކިޔައިދިން ގޮތުން ފާހަގަކުރެވުނެވެ.  

"ބޮލުގޭ ރިހޭ، އަތް ފޭގޭ ރިއްސެއި، އަކުނިވަޔަށްދަމައި، ވެފޭ ނުވާގޮތެއް ނެތް"

މިއީ ނައިފަރުގައި ޒަމާނުއްސުރެ ކިޔާ އުޅޭ ވާހަކައެއް ކަމުގައިވާ، ސާގު ހައްވަދައިތަގެ އެދުރުގޭގެ ވާހަކައިގެ މައްޗަށް ކުޅެފައިވާ ތަމްސީލެއްގައި އެދުރުދައިތަ އޭނާގެ ފިރިމީހާގާތުބުނި ޑައިލޮގެއްގެ ތަންކޮޅެކެވެ. މި ތަމްސީލުގައި ބޭނުންކޮށްފައި ވަނީ ނައިފަރު މީހުން ކުރީއްސުރެ ވާހަކަދައްކައި އުޅޭ ބަހުރުވައާއި ރާގެވެ.

ދަރިވަރު: އައިމިނަ ހީވަނީ، ގޮނދަންފުށް ތެއްޔަކަށް މޫނު ކޮއްޕޭލޭފޭ ހުރިހެން.

އެދުރު ހައްވަދައިތަ: ފިލޭ ވިއްޔާޗަކިޔަނީ، ޗަ ހާސަރުތައް ނުދަމޭ ފިލޭކިޔޭތޯ ބަލއިބަލެ.

ދިވެހި ބަހުރުވަތަކުގެ ތެރެއިން ހުވަދޫ، އައްޑޫ، އަދި ފުވައްމުލަކުގެ އިތުރުން ރަސްމީ ބަހުރުވައިގައިވެސް ޗަވިޔަނި ބޭނުންކުރާލެއް ނުހަނު މަދެވެ. މިކަމާއިގުޅޭ ގޮތުން އަޅުގަނޑު ވާހަކަދައްކާލީ ނައިފަރުގައި އަދަބީ ކަންކަމުގައި ޙަރަކާތްތެރިވާ ހަމަ އެހެންމެ މަޝްހޫރު ލަވައެއްކަމުގައިވާ، "މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެޔަށް ގެނައިމާ" މިލަވަ ހައްދަވާފައިވާ އަތިއްޔާ އިބްރާހީމާ އެވެ. ނުވަތަ އޭނާގެ ރަށުނަމުން ނަމަ "ރަނި" އާއެވެ. އަތިއްޔާ ކިޔައިދިން ގޮތުގައި ނައިފަރު މީހުން ވާހަކަދައްކާއުޅޭ ބަހުރުވައަކީ ވަރަށް ތަފާތު، ސީދާ އެރަށަށް ޚާއްޞަ ބަހުރުވައެކެވެ.

"ދަމޭލޭފައި ދައްކާދެއްކުން، އޭސްބަލޭ، ބޭބޭ ބަހީ، ކޭފޭ ދިޔުން، ގޭގޭ ގުރުން، ބޮލުގޭ ރިހުން، މިފަދައިން އޭބޭ ފިއްޔަކީ އަޅުގަނޑުމެން ކާބަފައިންގެ ދުވަސްވަރުން ފެށިގެން ބޭނުންކުރަމުން އައި ބަސްބަސް. ދެން ޗަވިޔަނި އަޅުގަނޑުމެން ބޭނުން ކުރުމަކީ، އެހެން ރަށްރަށުގެ މީހުންނާއި، އަޅުގަނޑުމެންނާ ހުރި ތަފާތަކީ. އާންމުގޮތެއްގައި ޗަވިޔަނި ބޭނުންކޮށްގެން ވާހަކަދައްކާ މީހުން ވަރަށް މަދުވާނެ. އެއީ އަޅުގެންޑުމެންގެ އަމިއްލަ އެއްޗެއް. ޗަވިޔަނި ބޭނުންކޮށްގެން ވާހަކަދައްކާ މީހުން ނޫޅޭނެ ނައިފަރުގައި ނޫނީ." އަތިއްޔާ ކިޔައިދިނެވެ.

ދިވެހި ބަހުގެ އެކަޑަމީގެ މެންބަރު މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހިބަހާއި ބަހުރުވަ ދިރާސާކުރައްވާ އަދި އެރޮނގުން މަތީ ތަޢުލީމް ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ، ނައިފަރު މީހުން ބޭނުންކުރަނީވެސް ތަފާތު ބަހުރުވައެއް ކަމަށާއި، އެބަސް ދިރުވާ އާލާކުރުމަކީ ދިވެހި ބަހަށް ލިބޭނެ އިތުރު ފުރިހަމަކަމެއް ކަމަށެވެ.

"ނައިފަރު މީހުން ބޭނުންކުރާ ރާގު ފަދަ ގޮތްތަކަކީ، ވަރަށް ތަފާތު އެބައި މީހުންގެ އަމިއްލަ ގޮތްތަކެއް. އެހެންވީމަ ކޮންމެ ބަޔަކުވެސް އެމީހުންގެ އަމިއްލަ ގޮތް، އެއީ ރާގުވިޔަސް، އަޑުވިޔަސް، ލަފްޒުތަކަކަށްވިޔަސް އެދެމެހެއްޓުމަކީ ބަހުގެ މުއްސަންދިކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިއްމުކަމެއް." ޝާހިދު ވިދާޅުވިއެވެ.

ނައިފަރުމީ މީހުން ބުނަނީ، އެމީހުން ވާހަކަދައްކައި އުޅޭ ބަހާއި ބަހުރުވައާމެދު ފަޚުރުވެރިވާކަމަށެވެ.  

ދެބައި އުމުރުގެ އަންހެނެއް: "ޗަކޮއި ކިއުމަކުން، އެއީ އަޅުގަނޑުމެންނަށް ހުތުރު ބަހެއް ނޫން. ޗަކޮއި ސޭބޯން ބަހީބަލޭ ބުންޏަސް އަޅުގަނޑުމެން ތިބޭނީ ފަޚުރުވެރިކަމާއެކު ހަމަ އުފަލުން."

ޒުވާން އަންހެން ބޭފުޅެއް: "ނައިފަރު މީހަކަށްވާތީ އަބަދުވެސް ބޭނުންވަނީ ރަށުބަހުރުވައިން ވާހަކަދައްކަން." ދުވަހަކުވެސް ނައިފަރު ބަސް ދޫކޮށް ނުލާނެ ކަމަށް ގަދައަޅަމުން ބުންޏެވެ.

މުޅި ފާދިއްޕޮޅަށް ބަލާއިރުވެސް އެއަތޮޅުގެ ރަށްތައް ނިސްބަތްވާ މީހުން ވާހަކަދައްކާ އުޅެނީ، އެހެން ރަސްމީ ބަހުރުވަޔާއި ތަފާތު ގޮތަކަށެވެ. ނައިފަރަކީ، މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ ތަފާތުތަށް ފެންނަންހުރި ރަށްކަން ފާހަގަކުރެވުނެވެ.