ޚަބަރު

މިދިޔަ މެއިމަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވާނީ ވައްކަމުގެ މައްސަލަ


  • މެއިމަހު ފުލުހުންނަށް ޖުމްލަ 1020 މައްސަލަ ހުށަހަޅާފައިވޭ

  • މީގެތެރޭގައި ވައްކަމުގެ 320 މައްސަލަ ހިމެނޭ

މިދިޔަ މެއިމަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ހުސްވި އޭޕްރީލްމަހާ އަޅާބަލާއިރު މިނިމުނު މެއިމަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މެއިމަހު ފުލުހުންނަށް ޖުމްލަ 1020 މައްސަލަވަނީ ހުށަހަޅާފައިވެއެވެ. އޭޕްރީލްމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 738 މައްސަލައެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން ވައްކަމުގެ 320 މައްސަލަ ވަނީ ހުށަހަޅާފައެވެ. މެއިމަހު 2 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 268 މައްސަލަ ހުށަހަޅާފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 177 މައްސަލަ މެއިމަހުވަނީ ހުށަހަޅާފައެވެ.

މެއިމަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

• ވައްކަމުގެ 320 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 268 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 177 މައްސަލަ
• އެއްޗެތި ގެއްލިގެން 70 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލަ
• އަނިޔާގެ 54 މައްސަލަ
• ގެވެށި އަނިޔާގެ 16 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލަ
• ފޭރުމުގެ 20 މައްސަލަ
• ޚިޔާނަތުގެ 19 މައްސަލަ
• ފޯޖް ކުރުމުގެ 4 މައްސަލަ

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.