ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
 
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ޕޮލިސްގައި ގާއިމްކުރެވޭ ކުޅިވަރު ވަސީލަތްތަކަކީ ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވޭ ވަސީލަތްތަކެއް ކަމަށްށެވެ.
 
މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
		
			ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެއްބަސްވުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވިލިމާލޭގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ހަށިހެޔޮ ސިއްހަތެއްގައި ތިބެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުމާއި ވިލިމާލޭގެ އިޖްތިމާއީ ގުޅުން ބަދަހިވެގެންދާނެއެވެ.
 
މި އެއްބަސްވުމުގެ ދަށުން ވިލިމާލޭ ޕޮލިސްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށް އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.