ޚަބަރު

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން


  • އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ

  • އީދު ބަންދުގައި ޚިދުމަތް ދޭނީ މިމަހު 5އިން ފެށިގެން 9ވަނަ ދުވަހުގެ ނިޔަލަށް

ޙައްޖު ދުވަހާއި އަޟްހާ ޢީދާއި ގުޅިގެން ސަރުކާރު ބަންދުވިނަމަވެސް ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާާޅުވީ އީދު ބަންދުގައި ޚިދުމަތް ދޭނީ މިމަހު 5 އިން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެ ދުވަސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ކަމަށާއި، ޚިދުމަތް ދެވޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންކަމަށް ވިދާޅުވިއެވެ. އަދި އަޟްޙާ ޢީދު ދުވަސް ބަންދުވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

،،

އިމިގްރޭޝަނުން ވަނީ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުއްވުމަށް އިލްތިމާސްކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ ޢީދު ބަންދާއި ގުޅިގެން ވިސާގެ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން 5 ޖޫން އިން ފެށީގެން 9 ޖޫންއަށް ވިސާގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެމަރޖެންސީ ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީ ފަރާތްތަކަށް އެކަނި ކަމަށްށެވެ. އަދި ރާއްޖެއަށް އަންނަ ފަރާތްތަކަށް މިދުވަސްތަކުގައި ވެސް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ސްޕޮންސަރޝިޕް ޑެކްލަރޭޝަން' އަށް ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އެންފޯސްމެންޓު އެންޑް ކޮންޕްލަޔަންސް ޑިވިޜަންގެ ޚިދުމަތް ލިބޭނީ ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް ވިދާާޅުވިއެވެ. އަދި ސީޕޯޓު ޑިވިޜަންގެ ޚިދުމަތް (މާލެ) ގައި ލިބޭނީ ހޮނިހިރު- ބުރާސްފަރި ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ކަމަަށާއި، ހުކުރު ދުވަހު ޚިދުމަތް ލިބޭނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 އަށް ކަމަށް އިމިގްރޭޝަނުން ވިދާަޅުވިއެެވެ.

އިމިގްރޭޝަނުން ވިދާަޅުވީ އެމަރޖެންސީގައި ގުޅާނީ 7980408 ނުވަތަ 9199320 އަށް ކަމަަށެވެ.

މީގެ އިތުރުން ކުރިއަށް އޮތީ ބަންދު ދުވަސްތަކެއްކަމުން އެކިއެކި ވިސާތަކުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޕާސްޕޯޓުގައި އޮތީ މުއްދަތު ހަމަނުވާ ވިސާއެއްތޯ ޔަޤީންކުރެއްވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް މިދުވަސްކޮޅު އެދެމުންދާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.