ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް ކޮރެއާ، ދެކުނު ކޮރެއާގެ ރައީސްގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި، ލީ ޗޭއި-މައިޔޮންގްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާގެ ރިޔާސީ އިންތިޚާބުގައި ލީ ޗޭއި-މައިޔޮންގް ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ތަހުނިޔާ ފޮނުއްވާފައެވެ.
ދެކުނު ކޮރެއާގެ އިންތިޚާބީ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ވިދާޅުވެ، އިންތިޚާބުގެ ނަތީޖާއަކީ، ޤައުމުގެ ހަމަޖެހުން ކަށަވަރުކޮށް، ކުރިއެރުން ދެމެހެއްޓުމަށް ރައީސް، ލީގެ ތަޞައްވުރަށް، ދެކުނު ކޮރެއާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދެކުނު ކޮރެއާގެ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެއާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެދިވަޑައިގެންފައެވެ.
ދެކުނު ކޮރެއާގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ދަޢުވާގައި އިތުބާރު ގެއްލިފައިވާ ކަމުގައި ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައި ހުންނަވަނިކޮށް އޭރު ރައީސްކަމުގައި ހުންނެވި ޔޫން ސުކް ޔޯލްގެ މައްޗަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވާ ކަމަށް ޙުކުމްކޮށް، ރައީސް ކަމުގެ މަޤާމުން އެމަނިކުފާނު ދުރު ކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ނިންމުމާ ގުޅިގެންނެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކި މިއަދު އެމަނިކުފާނު ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.