ގައުމީ ފުޓްބޯޅަ ޓީމުން ފެނިގެންދާނީ އެއިރެއްގައި އޮންނަ ލީގެއްގެ ވަރުގަދަކަން ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު އަދި ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) ބުނެފިއެވެ.
ޤައުމީ ޓީމުން އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ކުރެވޭ އުންމީދުތަކާއި ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މާއްޓޭ ބުނީ ކުރިޔަށް އޮތް ބައިނަލްއަގްވާމީ ދެ މެޗުގައިވެސް ރާއްޖޭގެ ޤައުމީ ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ޤައުމީ ޓީމުގެ ރިފްލެކްޝަނަކީ އަޅުގަނޑުމެންތެރޭގައި އޮންނަ ގަދަފަދަ ލީގެއް. ސްޓްރޯންގް ލީގެއްގެ ރިފްލެކްޝަން އަސްލު ނެޝަނަލް ޓީމުން މި ފެންނަނީ. އެހެންވީމަ މީ ރަނގަޅު ފެށުމެއް މިހާ ދުވަހު އަޅުގަނޑުމެން މަޑުކޮށްފަ" މާއްޓޭ ބުންޏެވެ.
އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީގެ ވައިސް ޗެއާގެ މަގާމު އަދާކުރަމުން އަންނަ މާއްޓޭ ބުނީ ޤައުމީ ޓީމު ބައިނަލްއަގްވާމީ މެޗުތަކަށްދާއިރު ވާދަވެރި މުބާރާތެއް ކުޅެފައި ދިއުމަކީ މުހިންމުކަމެއް ކަމަށެވެ.
އެހެންކަމުން މިދިޔަ މަހު 28 ގައި ނިމުމު އެފްއޭއެމް ލީގު ކަޕްގެ ސަބަބުން، ޖޫން 5 ގައި ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗާއި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ ކޮލިފައިން މެޗަށް ފައިދާތަކެއް ކުރާނެ ކަމަށް މާއްޓޭ ފާހަގަ ކުރިއެވެ.
"އަޅުގަނޑުމެން އެކްސްޕެކްޓް ކުރާ ފެންވަރަށް ކުރިން ނުކުޅެވުނުކަމުގައިވިޔަސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުނަރުވެރި ކުޅުންތެރިން މުބާރާތުގައި (ލީގުކަޕްގައި) ފެނިގެން ހިނގައްޖެ. އެހެންވީމަ ނޭޝަނަލް ޓީމުގައި ކުރިޔަށް އޮތް ދެމެޗަށް ތަންކޮޅެއް ކޮމްޕެޓިޓިވް ކުޅުމެއް ފެނިގެންދާނެ ކަމަށް ބަލަނީ" މާއްޓޭ ބުންޏެވެ.
ޤައުމީ ފުޓްބޯޅަ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން 4:30 ގައި ސިންގަޕޫރު ނޭޝަނަލް ސްޓޭޑިއަމްގައެވެ. ސިންގަޕޫރާއި އެކު ކުޅޭ އެކުވެރިކަމުގެ މި މެޗަށްފަހު ރާއްޖޭން ކުޅޭނީ ޓިމޯ ލެސްޓޭ އާއި ދެކޮޅަށް އޭޝިއަންކަޕް ކޮލިފައިން މެޗެވެ. މި މެޗު އޮންނާނީ 10 ޖޫންގައި އޮސްޓްރޭލިއާގެ ޑާވިންގައި، ޓެރިޓަރީ ރަގްބީލީގު ސްޓޭޑިއަމްގައެވެ.