އަޟްޙާ ޢީދު ދުވަހުގެ ހަވީރަކީ މާލޭގައި ފައިމަގުގައިއުޅޭ ވަގުތެއްގެގޮތުގައި ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އަޟްހާ ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހައި މަގުތަކުގައި، ދުއްވާ އެއްޗެހި ދުއްވުން މަނާކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އެވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކާ، އެ ކައުންސިލްގެ ޢާއްމު ޚިދުމަތާއި ބެހޭ ބައި (ތައިސޭކޮށިން) ދޫ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލެ މަގުތަކުގައި ޢީދު ދުވަހު ހަވީރު 16:00ން 18:00އަށް، އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީވެސް މަނާ ކަމެއް ކަމަށާއި، އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.
މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެއާއި، ހުޅުމާލޭގެ އިތުރުން އެކި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން އަޟްޙާ ޢީދުގައިވެސް މުޅި ރާއްޖެ ދިއްލާލުމަށްޓަކައި މާބަގީޗާތަކާއި ލައިޓްތައް ވަނީ ހަރުކޮށްފައެވެ. ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިތުރުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައި ވާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ.