ޚަބަރު

އާރްޑީސީގެ ބިނާވެހި ޕްރޮގްރާމުގެ ތިންވަނަ ބެޗް މިހާރު ކުރިއަށްދާނީ


  • ބިނާވެހި ޕްރޮގްރާމްގެ 2 ބެޗްއެއް މިހާރުވަނި ނިންމާލައިފަ

  • ބިނާވެހި ޕްރޮގްރާމަކީ 6 މަސް ދުވަހަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް

ސާނަވީ އިމްތިޙާނަށްފަހު މަތީ ސާނަވީ ތަޢުލީމު ފެށުމާ ދެމެދުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން އާރުޑީސީން ކުރިއަށްގެންދާ ބިނާވެހި ޕްރޮގްރާމުގެ ތިންވަނަ ބެޗް މިހާރު ކުރިއަށްދާކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މިހެން ވިދާޅުވީ، އާރްޑިސީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ކޯޕަރޭޓިވް އެޑިއުކޭޝަން، ބިނާވެހި ޕްރޮގްރާމަކީ ސާނަވީ އިމްތިޙާނަށްފަހު މަތީ ސާނަވީ ތަޢުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިޙާނަށް ފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އާރްޑީސީން ހިންގާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމެއްވެސް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.

އާރްޑީސީގެ އެމްޑީ ޒުހައިރު ވިދާޅުވީ އާރްޑީސީއަކީ ވަރަށް ފަންނީ މަސައްކަތް ކުރާ ބަަަޔަކަށް ވީމާ ތަފާތު އެކި ދާއިރާތަކުން ވަޒީފައިގެ ފުރުސަތުވެސް އާރްޑިސީން ފަހިވެގެންދާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ކުރިއަށް ދާން އާރްޑީސީގައި ފުރުސަތުއެބައޮތް ކަމަށާއި، އެހެންވިމާ މިދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކާއި، ގާބިލްކަން ބޭނުން ވާ ފަރާތްތަކަށްވެސް ފުރުސަތު ދެމުން ދާނެކަމަށް ޒުހައިރު ވިދާޅުވިއެވެ.

"ސާނަވި ތައުލީމު ނިންމާފަ މަތީ ސާނަވީ އަށް ދިއުމުގެ ކުރިން ކުދިން އެތާ މަސައްކަތް ކުރޭ ނުވަތަ މަތީ ސާނަވީ ނިންމާފަ އިތުރަށް ހަޔާއެޑިއުކޭޝަން އަށް ދިއުމުގެ ކުރިން ކުދިން އެބަ މަސައްކަޔް ކުރޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެގޮތަށް އަންނަ ކުދިންނަށް ވަޒިފާގެ ފުރުސަތު ދިނުން" އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވިއެވެ.

ބިނާވެހި ޕްރޮގްރާމްގެ 2 ބެޗްއެއް މިހާރުވަނީ ނިންމާލައިފައެވެ. އެގޮތުން ފުރަތަމަ ބެޗްގައި 11 ދަރިވަރުން، ދެވަނަ ބެޗްގައި 6 ދަރިވަރުން އަދި މިހާރު ކުރިއަށް ގެންދާ ތިންވަނަ ބެޗްގައި 5 ދަރިވަރުން ބައިވެރިވެފައި ވާކަމާށް ޒުހައިރު ވިދާޅުވިއެވެ. ބިނާވެހި ޕްރޮގްރާމަކީ 6 މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ބިނާވެހި ފުރަތަމަ ބުރުގައި ދަރިވަރުންނަށް ތަފާތު 12 ދާއިރާއަކުން ތަރުޖިބާ ހޯދުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށް އާރްޑީސީން މަޢުލޫމާތުދެއެވެ. އޭގެތެރޭގައި އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ.

މީގެއިތުރުން ވެސް މަސައްކަތްތަކަށް އަހުލުވެރިވުމަށް ފީލްޑް ޓްރިޕް ދިއުމާއި، އާރުޑީސީއަށް ފުރުސަތު ލިބޭ އެކިއެކި ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ދީފައިވާ ކަމަށް ވިދާޅުވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ފަރާތަކަށް އެލަވެންސެއް ވެސް ދޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ.