ޚަބަރު

އިސްރަށްވެހިންގެ ހަނދާންތަކާއި ވާހަކަތައް އެއްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ވަޒީރު އާދަމް ނަޞީރު


  • މިކަމުގެ ބޭނުމަކީ އިސްރަށްވެހިންގެ ތަޖުރިބާއާއި ވާހަކަތައް އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުން

އިސްރަށްވެހިންގެ ހަނދާންތަކާއި ވާހަކަތައް އެއްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މިކަމުގެ ގިނަ ތައްޔާރީތަކެއް މިހާރު ކުރަމުންދާކަމަށެވެ.

ޕީއެސްއެމް ނިިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުން ނުވަތަ އޯރަލް ހިސްޓްރީ އެއްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފެށުމަށްޓަކައި ގިނަ ތައްޔާރީތަކެއްވަމުންދާކަމަށެވެ. އެގޮތުން، އެކަމާ ގުޅޭ ޢިލްމުތައް ރާއްޖެއަށް ގެނައުމާއި، ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތައް މިހާރުކުރަމުންދާކަން ވަޒީރު ފާހަަގަކުރެއްވިއެވެ.

"ދުވަސްވީ މީހުންގެ މަޢުލޫމާތު އެއްކުރުން ނުވަތަ ހަނދާންތައް އެއްކުރުމޭ މި ބުނާ ބަހުގެ މާނައަކީ ހަމަ ވަކި ގޮތަކަށް ވަކި ޢިލްމީ ހަމަތަކެއްގެ މަތީން ވަކި ކަހަލަ ހަނދާންތަކެއް ވަކި ގޮތަކަށް ތަރުތީބުކުރެވިގެން ސުވާލުތައް ކުރެވިގެން އެކި ދުވަސްމަތީން ބައްދަލުކުރެވިގެން ނެނގޭ މަޢުލޫމާތުތަކެއް. އެގޮތުން ބަލަމާ ހިނގާ ރާއްޖޭގެ 50، 60 އަހަރުގެ މީހުންގެ މުޅި ރާއްޖެއިން ކޮންމެ ރަށަކުން 10 ވަރަކަށް މީހުން ނެގުނަސް އަޅުގަނޑުމެންނަށް ވަކި ދުވަސްވަރެއްގައި ރާއްޖެ އޮތް ގޮތާއި ވަރަށް ގިނަ މަޢުލޫމާތުތަކެއް އެނގޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ ޢަަމަލީ މަސައްކަތް ނިމުމާއެކު އެކި ކަންކަމުގައި ކާބަފައިން ގެންގުޅުނު ހަމަތަކާއި އުސޫލުތަކާއި ކާބަފައިންގެ ހަރުދަނާ ސިފަތައް ދެނެގަނެވޭނެކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމުން މުސްތަޤްބަލަށްޓަކައި ކުރެވޭނެ ކަންތައްތައްވެސް ގިނަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއަހަރުތެރޭ ޔުނިފޯމް ފްރޭމް ވޯކްސްތައް އުފެއްދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހީންގެ އެއްޗެއް ދިވެހީންގެ އެއްޗެއްކަން ކަނޑައެޅޭ ގޮތްތަކެއް ހޯދާ ބަލާ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ރާއްޖޭ އެކި މަޢުލޫމާތުތައް ރެކޯޑްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތަކީ، ދިވެހީންގެ ހުނަރުތަކާއި ދިވެހީންގެ ސިފަތަކާއި އޭގެ ރީތި މޮޅު ގޮތްތައް، ދެނަގަތުމަށްޓަކައި ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއްކަމަށެވެ. އެހެންކަމުން މިއަހަރުތެރޭ މި މަސައްކަތްތަކުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިގެން މުޅި ރާއްޖެއަށް ހިންގުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.