ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ މެޝިނަރީޒްތައް މިއަހަރު ނިމެންވާއިރަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އާރްޑީސީން ކުރިއަށްގެންދާ މަސައްކަތްތައް ލަސްވާ ސަބަބެއްކަމަށް ސަރުކާރުން ވިދާޅުވެފައިވަނީ އެކަށީގެންވާ ވަޞީލަތްތައް ނެތުންކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވީ އިންސާނީ ވަޞީަލަތްތައް ޤާއިމްކުރުމުގެ އިތުރަށް އެކުންފުންޏަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށްވެސް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީއާއި އެހެނިހެން އިދާރާތަކާ ގުޅިގެން މުވައްޒަފުންގެ ކުރިއެރުމާއި ޤާބިލްކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު އޭގެ ތެރެއިން ގިނަ މަޝްރޫޢުތައް ނުނިމި ލަސްވުމުގެ ކަންބޮޑުވުންތައް އޮވެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެފައިވަނީ އާރްޑީސީގެ މަސައްކަތްތައް ކުރުމަށް އެކުންފުނީގައި އެކަށީގެންވާ މެޝިނަރީޒްތައް ނެތުންކަމަށެވެ. މިކަމަށް އަލިއަޅުވާލައްވާ ޒުހައިރު ވިދާޅުވީ ސަރުކާރާ ގުޅިގެން އެކުންފުންޏަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި އެ ވަޞީލަތްތައް ލިބިއްޖެނަމަ މިހާރަށްވުރެ ބޮޑަށް މަސައްކަތްތަކުގެ ސްޕީޑް ހަލުވިވެގެންދާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ މިވަގުތު އެ ކުންފުނީގައި ހުރި ގިނަ މެޝިނަރީޒްތަކަކީ ކުއްޔަށް ނަގައިގެން ގެންގުޅޭތަކެތިކަމަށެވެ އަދި ގިނަފަހަރަށް ކުއްޔަށް ނަގާ މެޝިނަރީޒްތަކަކީ އޭގެ ޒާތުގައި ރަނގަޅަށް މަސައްކަތް ނުކުރާތަކެތިކަމަށެވެ. އެހެންކަމުން އައު މެޝިނަރީޒްތައް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރު ނިމެންވާއިރަށް އެތަކެތި ލިބުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.
"އެ މެޝިނަރީޒްތައް ރަނގަޅުކުރުމަކީވެސް ވަރަށްބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް. ކޮލިޓީ ޕްރޮޑަކްޓެއް ދިނުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ. އެކަން ކުރެވޭނީ ކޮލިޓީ މެޝިނަރީޒް އަތުގައި ހުރެގެން. އުންމީދަކީ އަހަރު ނިމޭއިރު އަތުގައި ބޭނުންވާ މެޝިނަރީޒް ހުރުން. އެކަމަށް މާލީ ވުޒާރާއިން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ" އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަގު ހެދުމުގެ 27 މަޝްރޫޢެއް ކުރިއަށްގެންދަމުންނެވެ. މިމަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު މިއީ ކުރީސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކެކެވެ. ޒުހައިރު ވިދާޅުވީ މިމަސައްކަތްތަކުގެ ތެރެއިން މިއަހަރު 10 ރަށުގެ މަގު ހެދުމުގެ މަސައްކަތް ނިންމާލުމަކީ އަމާޒެއްކަމަށެވެ. އަދި ސަރުކާރު ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް އެކުންފުނިން ހަވާލުވެ ކުރަމުން އަންނަކަމަށާއި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން ކުނި ކޮށިތައް ތަރައްޤީކުރުމާއި ޕޮލިސް ޕޯސްޓްތަކާއި ދަނޑުތައް ފަދަ މަޝްރޫޢުތައް މިއހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.