ކުޅިވަރު

ބާސެލޯނާގެ ކީޕަރުންގެ ތޫފާން: ޓާސްޓެގަން ބޭނުން ކެނޑުނީތަ؟


ސްޕޭނުގެ ބާސެލޯނާގެ ތެރޭގައި މިހާރު އުފެދިގެން ތޫފާނަކީ ގޯލްކީޕަރުންގެ ހަނގުރާމައެކެވެ. ބާސެލޯނާގެ އެއްވަނަ ގޯލްކީޕަރަކީ އަދި ޓީމުގެ ކެޕްޓަނަކީ ޖަރުމަނުގެ ގައުމީ ޓީމުގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެވެ. މިހާރު އުފެދިގެން އުޅޭ މައްސަލަ އަކީ އަންނަ ސީޒަނުގައި އޭނާގެ ބޭނުން ނެތިކޮށްލަން ބާސެލޯނާއިން އުޅޭތީ އެވެ.

ޓާސްޓެގަން ހުރީ ކުލަބު ދޫކޮށްލާ ގޮތަކަށްނޫނެވެ. އޭނާ ބޭނުންވަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާށެވެ. އެއް ސަބަބަކީ އަންނަ އަހަރަކީ ވޯލްޑްކަޕް ކުޅޭ އަހަރު ކަމަށްވުމުން ޖަރުމަނުގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ލިބުނު ފަހަރު ވޯލްޑްކަޕް ތައްޓާ ހިސާބަށް ވާސިލްވުމަށް ރަނގަޅު ފޯމެއްގައި ހުރުމަށެވެ. ނަމަވެސް ބާސެލޯނާއިން މިހާރު އޭނާ އަށް ބަރޯސާ ވާކަށް ބޭނުމެއް ނުވެ އެވެ. ސަބަބަކީ ދެ ކަމެކެވެ. އެއީ އޭނާގެ އުމުރު 33 ފަހަނައަޅައި ކުރިއަށް ދިއުމާއި ހުސްވި ސީޒަނުގެ ކުރީކޮޅު އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން މުޅި ސީޒަން ކަހަލަ ގޮތަކަށް ގެއްލުމެވެ. އަނެއް ކަމަކީ އޭނާގެ އުޅުމާއި ބޮޑާ ހޭކުމެވެ.

ބާސެލޯނާ ގަބޫލުކުރާ ގޮތުގައި ޓާސްޓެގަން އަށް ކުރީގެ މޮޅު ކުޅުން މިހާރު ދެއްކުމަކީ ވުމަށްވުރެ ނުވުން ގާތް ސަބަބެކެވެ. އޭނާގެ އެޓިޓިއުޑް ސްޕޭނުގެ ހުސްވި ސީޒަނުގެ އެންމެ ކާމިޔާބު ކުލަބަށް ގަބޫލު ނުކުރެވުނީ ޓާސްޓެގަން އަނިޔާއިން ރަނގަޅު ވެގެން ޓީމުގައި ކުޅެން ބޭނުންވެގެން އުޅެގްތަ ގޮތެވެ. ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި ޓާސްޓެގަން އެޖެންޓް ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އޭނާ ކުޅެން ބޭނުންވާކަން ކުލަބަށް އަންގައިފަ އެވެ. ނަމަވެސް އޭނާ ފުލް ފޯމަށް އައިސްފައިނުވާ ކަމަށް ގަބޫލުކޮށް ކުލަބުން މިކަމަށް އެއްބަސްނުވި އެވެ.

މިކަމާ ބޮޑާ ހާކައި ޓާސްޓެގަން ޓީމާއެކު ކެޕްޓަނެއްގެ ގޮތުން އިޓަލީ އަށް ނުދިޔަ ކަމަށެވެ. އެކަމަކު ބާސެލޯނާ ކުޅުނު ފައިނަލް މެޗުތަކަށާއި މުހިންމު އެހެން މެޗުތަކަށް ކެޕްޓަނެއްގެ ގޮތުން ޓީމާއެކު ދަތުރުކޮށް، ޗެމްޕިއަންކަން ލިބުނުން ތަށި އުފުލަން ދިޔައީ ވެސް އޭނާ އެވެ. އެކަމަކު ކުޅެން ފުރުސަތު ނުލިބުމުން ސެމީ ފައިނަލުގައި އިންޓަމިލާނާ ދެކޮޅަށް ކުޅެން އޭނާ ނުދިއުން ބާސެލޯނާއިން ގަބޫލެއް ނުކުރެ އެވެ.

ޓާސްޓެގަން އަށް ކޯޗުކޮށްދޭން ބާސެލޯނާ ގައި މިހާރު އޮތީ ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ހަންސީ ފްލިކެވެ. އޭނާ ޖަރުމަނުގެ ބަޔާން މިއުނިކާއި ގައުމީ ޓީމުގެ ކޯޗަކަށް ހުރި އިރު ވެސް އިސްކަންދިނީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށެވެ. މިއީ ކޯޗާމެދު ޓާސްޓެގަން ކަންބޮޑުވާ ސަބަބެކެވެ. އަދި ފްލިކާއި އޭނާއާ ދެމެދު އެންމެ ފުރިހަމަ ގުޅުން ނެތް ކަމަށް ބުނާ މީހުންނަށް ލިބޭ ބާރެކެވެ.

މި ފަދަ ސަބަބުތަކާހުރެ ބާސެލޯނާއިން ސީޒަން ނިމުމާއެކު އެންމެ އިސްކަންދިނީ ދެ ކަމަކަށެވެ. އެއީ ހުސްވި ސީޒަނުގެ މުހިންމު މެޗުތައް ކުޅުނު ތަޖުރިބާކާރު ކީޕަރު ޕޮލެންޑް ވޮޝްނިއާ ޝެޒްނީގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ރިޓަޔާކޮށްގެން ހުރުމަށްފަހު ބާސެލޯނާ އަށް ކުޅެން އައި ކީޕަރު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އެކަމަކު އެއްވަނަ ކީޕަރަކަށް ގެންނަނީ އެސްޕަނިޔޯލްގެ ކީޕަރު ޖޯން ގާސިއާ އެވެ. ފަސް އަހަރުގެ އެއްބަސްވުމަކަށް 24 އަހަރުގެ ކީޕަރު ބާސެލޯނާ އަށް ގެންނަނީ ފުރަތަމަ 11ގައި ކުޅެވޭނެކަމުގެ ޔަގީންކަން ދީގެންނެވެ. މިހެންވެ ޓާސްޓެގަން އަށް މިހާރު ގަބޫލު ކުރެވެނީ އޭނާގެ ދައުރު ބާސެލޯނާގައި ނިމުމަކަށް އަތުވެއްޖެކަމެވެ. އެކަމަކު މުހިންމުކަން ކެނޑުނަސް އޭނާ ކުލަބު ދޫކޮށްލަން ބޭނުމެއްނުވެ އެވެ.

ބާސެލޯނާއިން އޭނާ އަށް ހުށަހަޅާނީ ދެ ގޮތެކެވެ. އެއީ ކުރި އަށް އޮތް ސީޒަނުގެ ފުލް މުސާރައާއެކު އެހެން ކުލަބަކަށް ބަދަލުވުމަށެވެ. ނޫނީ ބާސެލޯނާގައި ބެންޗުގައި މަޑުކުރުމެވެ. ކުލަބުން އޭނާގެ ނުރުހުމުގައި ފޮނުވާނުލާނެ އެވެ. އެއީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް އޮތުމުންނެވެ.