ޚަބަރު

އެންމެ 9 ދުވަހުގެތެރޭ ރާއްޖެއަށް 45،000 އަށްވުރެ ގިނަ ފަތުރުވެރިން، %38 ކުރިއެރުމެއް


  • މި މުއްދަތުގައި 45،614 ފަތުރުވެރިން ވަނީ އައިސްފައި

  • އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1،011،972 ފަތުރުވެރިން އައިސްފައި

މި ހިނގާ ޖޫންމަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 45،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %38 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 9 ދުވަހު މުޅި ޖުމްލަ 45،614 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 32،996 ފަތުރުވެރިންނާއި އަޅާބަލާއިރު %38.2 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1،011،972 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 925،239 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %9.4 އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ޤައުމަކުން ވަނީ 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އެއީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:

• ޗައިނާ – 121،393 ފަތުރުވެރިން
• ރަޝިއާ – 111،937 ފަތުރުވެރިން
• އިނގިރޭސިވިލާތު – 101،781 ފަތުރުވެރިން
• އިޓަލީވިލާތު – 83،142 ފަތުރުވެރިން
• ޖަރުމަންވިލާތު – 77،012 ފަތުރުވެރިން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު 1200 ތަނެއް ވަނީ ހުޅުވާފައެވެ. އަދި ޖުމްލަ އެނދުގެ އަދަދަކީ 63,969 އެވެ.

މީގެތެރެއިން އެންމެ ބޮޑުބައެއް ހިއްސާކުރަނީ ރިސޯޓްތަކެވެ. އެއީ %71.6 އެވެ. އަދި ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީއަކީ %23 ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވަސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.