ޙަޤީޤީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތްﷲ ރުއްސަވައި ވޮޑިގަންނަވާ ގޮތަށް ޢަމަލުތައްބަހައްޓައި، ދާއިމީ ނިޢުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދުމަށް ހިވާގިކަމާއެކު މަސައްކަތްކުރާ މީހުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ" މި މައުޟޫއެވެ.
ތަވާޟުޢުވެރިކަން މާނަކޮށްދެއްވައި ޚުތުބާގައި ވިދާޅުވީ ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ނުވަތަ މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމެވެ. އަދި އެއީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. ޚުތުބާގައި ވިދާޅުވީ، އެސިފައިގައި ހިފަހައްޓައިފިމީހާއަށް، އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިޢުމަތާއި ބާއްޖަވެރިކަން ދެއްވާނެކަމަށެވެ.
ތަވާޟުޢުވެރިކަމަކީ އުޚްވަތްތެރިކަން ފެތުރިގެންދާ ސަބަބެެއްކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، އެއީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެެއްކަމަށެވެ.
"މުސްލިމުންގެ އުޚްވަތްތެރިކަމަކީ އެންމެހައި ޢުމުރުފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެކެވެ. އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަންޖެއް، ފަޤރެއް ނުވަތަ ޢަރަތްބެއް، ޢަޖަމީއެއް ނުވަތަ ކަޅުމީހެއް، ދޮންމީހެއް ތަފާތެއް ނެތެވެ. ތަފާތު ވަނީ ހަމައެކަނި އެމީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުންނެވެ" ޚުތުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން، ޚުތުބާގައިވަނީ ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް، މާތްﷲގެ ހަޟްރަތަށް ތަވާޟުޢުވެރިވުމަށް ގޮވާލައްވާފައެވެ.
އަދި ޢުމުރު ކިތަންމެ ދިގުވިޔަސް، މިދުނިޔެއާ އަލްވަދާޢު ކިޔަން ޖެހޭނެކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، މާތްﷲގެ ހަޟްރަތުގައި މަތިވެރި ދަރަޖަ އެދޭނަމަ އަދި މީސްތަކުންގެ މެދުގައި ޤަދަރުވެރި މީހަކަށްވާން ބޭނުންނަމަ، އެމީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާގުގައި ހިފެހެއްޓުންކަމަށެވެ.
މީގެއިތުރުން، އެކަލާނގެ ތަޢާޟުޢުވެރީންގެ ދަރަޖަ އުފުއްލަވާ، ކިބުރުވެރިންދެކެ ކޯފާވެވޮޑިގަންނަވާ، އެ މީހުންގެ ދަރަޖަ ދަށްކުރައްވާކަން ފާހަަގަކުރައްވާ ޚުތުބާގައި ވަނީ ޢިލްމުވެރިންނާއި އެކިއެކި މަޤާމުތަކަށް އިސްކުރައްވާފައިވާ ފަރާތްތަކާއި، އެންމެހާ މީސްތަކުން ﷲއަށް ތަވާޟުޢުވެރިވުމަށް ގޮވައިލައްވާފައެވެ.