މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޒަމްޢަތު އަހުމަދު ވަޙީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރެއްވުމަށްފަހުއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އައިމިނަތު އަމީނާގެ މަގާމުގެ މުއްދަތު މި މަހުގެ 14ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. އެހެންވެ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 6 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސް ފޮނުއްވެވި ނަންތަކުގެ ތެރޭގައި މިދިޔަ މަހު މަޖިލީހުން ރުހުން ދިނުމަށް ކޮމިޝަނަށް އައްޔަން ކުރެވުނު މޫސާ ރިޟްވާންގެ ނަންވެސް ހިމެނޭތީ އޭނާގެ ނަން ވަނީ ކޮމިޓީ މަރުހަލާގައި އުނިކޮށްފައެވެ. ބާކީ 5 ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 3 ބޭފުޅަކަށް %75 އަށްވުރެ މަތިން މާކްސް ދީފައެވެ. އެއީ ޒަމްޢަތު އަހުމަދު ވަޙީދާއި ޒީނާ ޒާހިރު އަދި ޝިމްލާ އަހުމަދެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުން ފާސްވެފައިވަނީ ޒަމްޢަތު އައްޔަން ކުރެއްވުމަށެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރުމުންނެވެ.
7 މެންބަރުން ތިއްބަވާ ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބެވި 6 މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ، އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲ އާއި މޫސާ ރިޟްވާނުގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.