އީރާނާ ގުޅުންހުރި ޔަމަނުގެ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން، ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގައި އެ ޤައުމަށް އެހީތެރިވާނެ ކަމަށް ބުނެފިއެވެ.
އަލްޖަޒީރާގެ މުބާޝިރު ޓީވީއާ ވާހަކަ ދައްކަމުން ޙޫޘީންގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމަށްވާ މުޙައްމަދު އަލް-ބުޚައިތީ ބުނީ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާ ދެމުންދާތީ އެ ޖަމާޢަތުން ޣައްޒާއަށް މަދަދުވެރިވާ ގޮތަށް، އީރާނަށް ވެސް އެ ޖަމާޢަތުން ވާގިވެރިވާނެ ކަމަށެވެ.
ޖޫން މަހުގެ 15ވަނަ ދުވަހު ޔަހޫދީންނަށް ޙަމަލާ ދިނުމުގައި އީރާނާއެކު ޙޫޘީން ބައިވެރިވި ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ. މިއީ އީރާނާ ގުޅިގެން ޙަމަލާއެއް ދީފައިވާ ކަމަށް އެ ޖަމާޢަތުން ފާޅުގައި ބުނެފައިވާ ފުރަތަމަ ފަހަރެވެ.