ޚަބަރު

ޑޮލަރުން ނަގާ ސާވިސްޗާޖެއް މުވައްޒަފުންނަށް ދޭން ޖެހޭނީވެސް ޑޮލަރުން: ޤާސިމް


  • ގާސިމް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމާއި ސާވިސްޗާޖާ އެއްވެސް ގުޅުމެއް ނެތްކަމަށް

ފަތުރުވެރިންގެ އަތުން ސަރވިސް ޗާޖު ނަގަނީ ޑޮލަރުންކަމަށާއި އެހެންކަމުން މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ފައިސާ ދޭންޖެހޭނީވެސް ޑޮލަރުންކަމަށް ރާއްޖޭގައި ގިނަ ރިސޯޓްތަކެއް އޮޕަރޭޓްކުރަމުންދާ މަޝްހޫރު ވިލާ ކުންފުނީގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ބައެއް ރިސޯޓްތަކުން ޑޮލަރުގެ ބަދަލުގައި ރުފިޔާއިން ސަރވިސް ޗާޖުގެ ފައިސާ ދޭން ނިންމުމާއި ގުޅިގެނެވެ.

ޑޮލަރުގެ ބަދަލުގައި ރުފިޔާއިން ސަރވިސް ޗާޖު ދޭން ނިންމި ބައެއް ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރިސޯޓް ހިންގާ ކުންފުނިތައްވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވާ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސަރވިސް ޗާޖު، އަންނަ މަހުންފެށިގެން ދިވެހި ފައިސާއިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫންކަމަށެވެ.

އަދި ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ"ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިޚުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 އިންސައްތައަށް ޑޮލަރު މާރު ކުރުންކަމަށްވާއިރު، ފަތުރުވެރިން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންކަންވެސް ޤާސިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފަށްވެސް ލިބިދޭން ޖެހޭނީ ޑޮލަރުންކަން ޤާސިމް ފާހަގަކުރެއްވިއެވެ.

"ޑޮލަރުން މުވައްޒަފު މީހާއަށް ސާވިސް ޗާޖް ދިނުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތް" ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމްގެ ޕޯސްޓުގައި މީހަކަށްދޭން ހަވާލުކުރާ އަމާނާތެއް، އެއޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްކަން ފާހަގަކުރައްވައި، ވިދާޅުވީ، ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެމައްސަލަ ޤާނޫނުގައިވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ގިނަ އަދަދެއްގެ މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭގެ ރިސޯޓުތަކެއް ހިންގާ ފަރާތެއްގެ ހައިސިއްޔަތުން އެކަމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން ޤާސިމް ވަނީ މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމަށްވުމުން ޤާނޫނުންވެސް އެލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ ބޮޑު ގެއްލުމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ބައެއް ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބޭއިރު، އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި، މުއައްޒަފުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންކަމަށް ވިދާޅުވިއެވެ.

ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށެވެ.