ޚަބަރު

ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


  • 2 ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވާފައި

  • ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން 2 ބޭފުޅުންވެސް ފާހަގަކުރެއްވި

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ކޮންގް ޝިންހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ތަރައްޤީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބާރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަހުން ފެށިގެން ޗައިނާއިން ވަނީ ރާއްޖޭގެ މުހިންމު ޢުމްރާނީ ތަރީއްޤީގެ ގިނަ މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ސިނަމާލެ ބުރިޖު އަޅާފައިވަނީ ޗައިނާގެ އެހީތެރިކަމާއެކުއެވެ.