ޚަބަރު

މަދު ޢަދަދެއްގެ މިސައިލްތަކެއް ބޭނުން ކޮށްގެން، އީރާނުން ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފި


އީރާނުގެ ވަރުގަދަ ޙަމަލާތަކެއް ޔަހޫދީ ދައުލަތަށް އަނެއްކާ ވެސް އަމާޒު ކޮށްފިއެވެ.

އީރާނުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ބިރް އައްސަބަޢުގައި ހުންނަ ޔަހޫދީ އަކްސަރިއްޔާގެ ޖާސޫސީ އިދާރާއަކަށެވެ. އެ އިމާރާތާ ޖެހިގެން ހުންނަނީ ހަސްފަތާލެކެވެ. ޔަހޫދީންގެ މުހިންމު އަސްކަރީ އިމާރާތްތައް ހަސްފަތާލުތަކާއި އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ބިނާ ކުރަނީ ޙަމަލާގެ ޙާލަތުގައި އާންމުން އައްޑަނައިގެ ގޮތުގައި ބޭނުން ކުރުމަށެވެ.

އީރާނުގެ ޙަމަލާގައި އަސްކަރީ އިމާރާތަށް ވަނީ ކާމިޔާބުކަމާއެކު ގެއްލުން ދީފައެވެ. އެ ޙަމަލާގައި އެ އިމާރާތާ ޖެހިގެން ހުރި ސޮރޯކާ ހަސްފަތާލަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ސޮރޯކާ ހަސްފަތާލަކީ ޔަހޫދީ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ ސިފައިންނަށް ފަރުވާދޭ ހަސްފަތާލެކެވެ. އެ އިމާރާތުގެ ދަށުގައި ގިނަ ޢަދަދެއްގެ ޔަހޫދީ ވަޒަންވެރިން ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އީރާނުގެ ޙަމަލާއަށް ފަހު ޔަހޫދީން ދަނީ ހަސްފަތާލުން ކެމިކަލް ލީކުވާތީ އެ ހަސްފަތާލުން މީހުން ހުުސް ކުރަމުންނެވެ.

އީރާނުގެ މި ޙަމަލާ ދީފައި ވަނީ މީގެ ކުރިން ދީފައިވާ ޙަމަލާތަކުގައި ބޭނުން ކުރި މިސައިލްގެ ޢަދަދަށްވުރެ މަދު ޢަދަދެއްގެ މިސައިލްތަކެއް ބޭނުން ކޮށްގެންނެވެ. ކުރީގެ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މިސައިލް ބޭނުުން ކޮށްފައިވާއިރު މި ޙަމަލާ ދިނުމަށް ބޭނުން ކޮށްފައި ވަނީ ތިރީހަކަށް މިސައިލެވެ. ނަމަވެސް މިއީ މިހާތަނަށް އީރާނުން ދީފައިވާ އެންމެ ވަރުގަދަ އެއް ޙަމަލާއެވެ. އެހެންކަމުން މިހާރު އީރާނުން ބޭނުން ކުރަމުންދަނީ ކުރިން ބޭނުން ކުރި މިސައިލަށްވުރެ ވަރުގަދަ މިސައިލްތަކެވެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ޔަހޫދީންނަށް ދީފައިވާ ޙަމަލާތަކުގައި ތިން މީހުން މަރުވެ 70އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.