ޔަހޫދީން އިސްވެ އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް އީރާނުގެ 639 މީހުން ޝަހީދުވެ، 1,329 މީހުންނަށް ޒަޚަމްވެއްޖެއެވެ. އީރާނުން ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީން އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި ޔަހޫދީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ޙަމަލާ ބަދަލު ކުރަމުންދާތާ ހަތް ދުވަސް ފާއިތުވެފައިވާ އިރު ޙަމަލާތައް ހުއްޓާލުމުގެ އިޝާރާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
އީރާނުގެ ރައްދު ޙަމަލާތަކުގައި މިހާތަަނަށް ޔަހޫދީންގެ 24 މީހުން މަރުވެ 1،300 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީދައުލަތުގެ 24 އިމާރާތް ސުންނާފަތިވެ، 5،000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އީރާނުގެ ޙަމަލާތަކުން ސަލާމަތްވުމަށް ޔަހޫދީ ވަޒަންވެރިން ދަނީ ބިމުއަޑީގައި ޤާއިމު ކޮށްފައި ހުންނަ މެޓްރޯ ސްޓޭޝަންފަދަ ތަންތަނުގައި ފޭލިގެ ޖަހައި ހިޔާވަހިކަން ހޯދަމުންނެވެ. އެ ގޮތުން އީރާނުން ޙަމަލާ ދޭން ފެށި ފަހުން ކޮންމެ ރެއަކު ވެސް މެޓްރޯ ސްޓޭޝަންތަކުގައި 1،000އެއްހާ މީހުން ހިޔާވަހިކަން ހޯދައެވެ. އެއީ އީރާނުގެ ޙަމަލާތަކުން ސަލާމަތްވެވޭނީ ބިމުގެ އަޑީގައި ތިބެގެން ކަމަށް އެ މީހުންނަށް ޤަބޫލު ކުރެވޭތީއެވެ.
މި ފަދަ މެޓްރޯ ސްޓޭޝަންތަކުގައި އާންމުކޮށް ހިޔާވަހިކަން ހޯދަމުން ދަނީ ބޭރު ޤައުމުތަކަށް ނިޞްބަތްވާ މަސައްކަތްތެރިންނެވެ. އިންޑިޔާއާއި ޔުކްރެއިނާއި ރަޝިޔާފަދަ ޤައުމުތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން މެޓްރޯ ސްޓޭޝަންތަކުން ރައްކާތެރިކަން ހޯދައެވެ. ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ޤާއިމު ކޮށްފައިވާ ބިންގަރާސްތަކުން ބޭރުގެ މަސައްކަތްތެރިންނަށް ޖާގަ ދިނުމަށް ޔަހޫދީ ދައުލަތުން މާ ބޮޑު އިސްކަމެއް ނުދެއެވެ.
އީރާނުގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީންގެ އިޤްތިޞާދަށް މިހާތަނަށް ބައި ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ.