ޚަބަރު

"ރާއްޖެއިން ބަލައިގެންފައިވަނީ ޤާނޫނާ ޚިލާފުވާ ކުޑަކުދިންނަށް ދެވަނަ ފުރުޞަތެއް ހޯދައިދެވޭ ފަދަ ރީހެބިލިޓޭޓިވް ނިޒާމެއް"


  • ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލެއްވި

  • ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކަށް ބައްލަވާލެއްވި

  • ކުޑަކުދިންގެ ޢަދުލާއި، ކުޑަކުދިން ޤާނޫނާ ޚިލާފުވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި

  • ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ދަތިތަކާއި ޙައްލު ހޯދުމަށް ކުރާ މަސައްކަތް ފާހަގަކުރެއްވި

ދިވެހިރާއްޖެއިން ބަލައިގެންފައިވަނީ ޤާނޫނާ ޚިލާފްވާ ކުޑަކުދިންނަށް ތަޢުލީމުދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރެ، ދެވަނަ ފުރުޞަތެއް ހޯދައިދެވޭ ފަދަ ރީހެބިލިޓޭޓިވް ނިޒާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވަނީ މުހިންމު އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާއި، ކުޑަކުދިންގެ ޢަދުލާއި، ކުޑަކުދިން ޤާނޫނާ ޚިލާފުވާ މައްސަލަ އާއި، ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ޙައްލު ހޯދުމުގައި ހުރި ދަތިތަކާއި ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ، އޮންލައިން މަންސަތަކުގައި ކުރާ މަލާމާތާއި ފުރައްސާރަ، އަދި އެފަދަ މަންސަތަކުގައި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތަކުގެ ގެއްލުންދެނިވި އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް ގަނާކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި، ޑިޖިޓަލް ސިޓިޒަންޝިޕް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ކުޑަކުދިން ޤާނޫނާ ޚިލާފުވުމާ އަދި ކުޑަކުދިންގެ ޢަދުލުގެ މަޢުޟޫއަށް އިންސާފުކުރައްވަމުން އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއިން ބަލައިގެންފައިވަނީ އެފަދަ ކުދިންނަށް ތަޢުލީމުދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރެ، ދެވަނަ ފުރުޞަތެއް ހޯދައިދެވޭ ފަދަ ރީހެބިލިޓޭޓިވް ނިޒާމެއްކަމަށެވެ. އަދި ކުޑަކުދިން ޤާނޫނާ ޚިލާފުވާން މެދުވެރިވާ ޙަޤީޤީ ސަބަބު ދެނެގަނެ، އެކަމަށް އެދެވޭ ޙައްލު ހޯދުމުގެ މުހިންމުކަމާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ފާހަގަކޮށް، އެކުދިން އެހާލަތަށް ދިއުމުގެ ކުރިން އަޅާލުމުގެ މުހިންމުކަން އެކަމަނާ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ ދުނިޔެއަށް ކުރިމަތިވާ ލޮޅުންތަކުގެ ސަބަބުން ކާބޯތަކެތި ލިބުމުގެ ހިރާސް އޮންނަ ޤައުމުތަކެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ހަށިގަނޑަށް ފައިދާހުރި ރައްކާތެރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނޭ ފަދަ ނިޒާމެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ހައިޑްރޯޕޯނިކްސް ފަދަ އީޖާދީ އުކުޅުތައް ބޭނުންކޮށްގެން ޤައުމީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަށް ޚާއްޞަކުރައްވައިގެން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދަވާފައިވާކަން ހާމަކުރައްވާފައެވެ. މެރކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފެއްދެވީ މެރކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވަނީ މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހިއްސާކުރައްވާފައެވެ.

މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައެވެ.