ގެދޮރުވެރިޔާ މަޝްރޫއުގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން، ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށާފައިވާކަމަށް އިމާރާތްކުރުމާ ގެދޮރިވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގެދޮރިވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ފްލެޓަށް ޝަތުރު ހަމަނުވާ މީހުންނަށް އެކަން އަންގަމުންދަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ލިޔުން ފޮނުވިކަމުގެ މެސެޖެއް ފޯނަށް ފޮނުވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް، 4000 ހައުސިން ޔުނިޓްގެ މި މަޝްރޫޢުގައި ފްލެޓް ނުލިބޭކަމަށް ކަނޑައަޅާފައިވަނީ ކިހާ މީހުންނަށްކަން ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ސްކީމަށް ފޯމު ހުށައެޅި މީހުންގެ ތެރެއިން ސަރުކާރުން ރިވިއުކުރަމުންދަނީ، ސްކީމަށް ހޮވިފައިވާކަމަށް 2023ގެ ނޮވެމްބަރުގައި އޭރުގެ ސަރުކާރުން ހާމަކުރި 4000 މީހުންގެ ލިސްޓެވެ.
އައު ސަރުކާރު ހަވާލުވެ ޚާއްސަ ކޮމިޓީގެ މަސައްކަތަށްފަހު އިޢުލާނުކުރީ، ސްކީމަށް ހޮވި މީހުންގެ 2180 މީހުންގެ ޝަރުތު ހަމަނުވާކަމަށެވެ. އަދި މި ލިސްޓާ ގުޅިގެން ޝަކުވާ ހުށައެޅުމަށް ދޮޅު މަހުގެ މުއްދަތެއް ދީފަވެއެވެ. އެ ފުރުޞަތުގައި ލިބުނު 8000 ޝަކުވާގެ ރިވިއު މަސައްކަތް މިހާރު ކުރަމުންދާއިރު، ޝަރުތު ހަމަނުވާކަމަށް ފެންނަ މީހުންނަށް މިހާރު ދަނީ އެކަން އަންގަމުންނެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި މީހުންގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާ އަދި 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް ތިބިކަމަށް ޔަޤީންވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބޭނެކަން އަންގަމުންދާކަމަށެވެ. އެކަން އަންގަމުންދަނީ، ފްލެޓް ނުލިބޭ ސަބަބު ބަޔާންކުރުމާއެކުއެވެ.
މި ފަރާތްތައްވެސް، އިތުރަށް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ އެ ފުރުޞަތު ދޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.