ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުން: މަޖިލީހުގެ ނައިބު ރައީސް


  • މަޖިލީހުގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ސަރަޙައްދީ ތަރައްޤީއަށްޓަކާ މުހިންމު ކަންކަން ފާހަގަކުރެއްވި

  • ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ އިސްލާޙުތަކުން ނަމުނާ ނެގޭނެކަން ފާހަގަކުރެއްވި

ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް މިފަދައިން ވިދާޅުވީ، 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި ދެއްވި ތަޤްރީރުގައެވެ.

"ޖޮއިން ހޭންޑްސް ފޯރ އޯޕަން އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް" ގެ ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމްގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމްވަނީ ސަރަޙައްދީ ތަރައްޤީއަށްޓަކައި މުހިންމު 5 ނުކުތާއެއް ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި، ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުމާއި، ފެހި އިޤްތިޞާދީ ތަރައްޤީއާއި، ބަދަހި އިޤްތިޞާދީ ގުޅުމާއި، އިންސާނީ ތަރައްޤީއާއި އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ރާއްޖެއަކީ، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި މި މާރެސްއަށް މަސައްކަތްކުރާ ޤައުމެއްކަން ނާޡިމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ދެކެނީ، ހުޅުވާލެވިފައިވާ، ހުރިހާ ފަރާތްތައް ޝާމިލުވާ، ދެމެހެއްޓެނިވި ތަރައްޤީއެއް ކަށަވަރުކުރުމަށްޓަކައި ޗައިނާއާއި އެހެނިހެން އަވަށްޓެރި ޤައުމުތަކާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ޗައިނާގެ ތަރައްޤީގެ ކާމިޔާބީތައް ފާހަގަކުރައްވަމުން، މަޖިލީހުގެ ނައިބު ރައީސް ނާޡިމް ވިދާޅުވީ، ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ އިޞްލާޙުތަކާއި ޢުމްރާނީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ޚާއްޞަ ޙާލަތަށް ބައްޓަން ކުރެވިދާނެ ނަމޫނާއެއްކަމަށެވެ.

އަޙްމަދު ނާޡިމްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ ތަރައްޤީއަކީ، ސްޓްރެޓެޖީއެއް ނޫންކަމަށާއި، އެއީ ޤައުމަށްޓަކައި ވެވޭ ވަޢުދެއްކަމަށެވެ. އަދި އެ ވަޢުދާއެކު ކުރިއަށްދާ ކޮންމެ ފިޔަވަޅެއްގައިވެސް އެއްވެސް ފުރުޞަތަކުން އެއްވެސް ފަރާތެއް އެކަހެރި ނުކުރެވޭނެ ޝާމިލު މަސައްކަތެއްކަން ޔަޤީންކުރަންޖެހޭ ވަޢުދެއް ކަމުގައި ވިދާޅުވިއެވެ.