އެމެރިކާއިން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގައި ނުރައްކާތެރި ރޭޑިޔޯއެކްޓިވް އެއްވެެސް އެއްޗެއް ރައްކާކޮށްފައި ނެތް ކަމުގައި އީރާންގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. ބޮންއަޅާ މަތިންދާބޯޓުތަކާއި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ ތިން މަރުކަޒަކަށެވެ. އެއީ، ފޫރްދޫ، އަޞްފިހާން އަދި ނަޠާންޛްގައި ހުރި މަރުކަޒުތަކެވެ.
އީރާންގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން ބުނީ، އެ މަރުކަޒުތަކުގައި ރައްކާކޮށްފައި ހުރި ހުރިހާ ރޭޑިޔޯއެކްޓިވް ތަކެއްޗާއި، ފައްކާކޮށްފައިވާ ޔުރޭނިޔަމް އެހެން ސަރަޙައްދުތަކަށް ބަދަލު ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ދީފައިވާ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި، ބޭނުން ކުރުން މަނާކުރާ މުޢާހަދާއާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެ އިދާރާއިން ސިފަ ކުރިއެވެ. އަދި، ޓްރަމްޕްގެ އަމުރަށް ދީފައިވާ ޙަަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރިއެވެ.
ފޫރްދޫއާއި، އަޞްފިހާން އަދި ނަޠާންޛަށް ދީފައިވާ ޙަމަލާތަކުގައި އެ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ން ބުނީ، އެމެރިކާގެ ޙަމަލާތަކަށް ފަހު އެ މަރުކަޒުތަކުން ރޭޑިޔޭޝަން ލީކުވާން ފަށާފައިވާ ކަމަށް، ނުވަތަ ބޭރުވާން ފަށާފައިވާ ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި، އެ ކަމާ ތަޢާރުޒުވާ އެއްވެސް ރިޕޯޓެއް އީރާންގެ އިދާރާތަކުން ހިއްސާ ކޮށްފައި ނުވާ ކަމުގައެވެ.
"ފޫރްދޫ ހިމެނޭ ގޮތުން އީރާންގެ ތިން ނިއުކްލިޔަރ މަރުކަޒަކަށް ދީފައިވާ ޙަމަލާތަކަށް ފަހު، އެ މަރުކަޒުތަކުގެ ބޭރުގައި ނިއުކްލިޔަރ ރޭޑިޔޭޝަންގެ މިންވަރު އުފުލިފައި ނުވާ ކަން އައިއޭއީއަށް ކަށަވަރު ކުރެވޭ، އަދި މި ވަގުތު އެ ފަދަ އެއްވެސް ރިޕޯޓެއް ލިބިފައެއް ނެތް،" އައިއޭއީއޭން ހާމަކުރިއެވެ. އަދި، އީރާންގެ އިދާރާތަކުން އެ ކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުން ދިޔަ ވަރަކަށް، އެ ކަން ހާމަކުރަމުންދާނެ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކޮށްފައި ވަނީ ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކެވެ. އެއީ، ރާޑަރަށް ސިއްރިޔާތުގައި ދަތުރު ކުރުމުގެ ޤާބިލުކަން ލިބިގެންވާ، އެމެރިކާގެ އަސްކަރިއްޔާއިން މި ވަގުތު ބޭނުން ކުރަމުންދާ އަސްކަރީ މަތިންދާބޯޓުތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ، އަދި ބާރުގަދަ މަތިންދާބޯޓެވެ. އަދި، އެއީ އަގު ވެސް ބޮޑު އުޅަނދެކެވެ. ބީ-2ގެ މަތިންދާބޯޓެއް އުފެއްދުމަށް 2.1 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވެއެވެ.
ބީ-2 އަކީ 11,112 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ، 18,000 ކިލޯގެ ބޮން ނުވަތަ ގޮވާތަކެތި އުފުލުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އޭގެ ތެރޭގައި 13,000 ކިލޯގެ ޖީބީޔޫ-57ގެ ނަން ދީފައިވާ ބޮން އަދި ނިއުކްލިޔަރ ހަތިޔާރު ވެސް ހިމެނެއެވެ. ޖީބީޔޫ-57އަކީ، ބިމު އަޑީގެ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރެވޭ ފަނާކުރަނިވި ހަތިޔާރެކެވެ. ބިމުގެ 200 ފޫޓު އަޑީގައި ބިނާ ކޮށްފައިވާ ވަސީލަތްތައް ސުންފަތި ކޮށްލުމަށް އެ ބޮން ބޭނުން ކުރެވޭނެއެވެ. އީރާންގެ ފޫރްދޫ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އެމެރިކާއިން ޖީބީޔޫ-57ގެ ހަ ބޮން ބޭނުން ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޮވެ، އެމެރިކާއިން އދގެ ޗާޓަރާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމުގައެވެ. އަދި، އީރާނުން ސުލްޙަވެރިކަމާ އެކު މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިޔަރ މަރުކަޒުުތަކަށް ޙަމަލާ ދީފައި ވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ މުޢާހަދާއާ ޚިލާފަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ހެނދުނުގެ ހާދިސާތަކުގެ [އެމެރިކާގެ ނިރުބަވެރި ޙަމަލާތަކުގެ] ސަބަބުން ދިގުދެމިގެންދާނެ ހިތި ނަތީޖާއެއް ނިކުންނާނެ. އެމެރިކާއިން ހިންގާފައިވާ ޣައިރުޤާނޫނީ، ނުރައްކާތެރި ކުށުގެ ޖަރީމާއާ މެދު އދގެ ހުރިހާ މެންބަރު ޤައުމަކުން އިންތިހާއަށް ކަންބޮޑުވާން ޖެހޭނެ،" ޢަރާޤިޖީ ވިދާޅުވިއެވެ. އީރާނަށް އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި، އިސްތިޤުލާލާއި މަސްލަޙަތު ޙިމާޔަތް ކުރުމުގެ ޙައްޤު ލިބިގެންވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އީރާނުން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް ހުށަހަޅާފައެވެ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އީރާނުން އދއަށް ކަނޑައަޅާފައި ހުންނަ މިޝަނުން ހުށަހަޅާފައިވާ ކަން ހާމަކޮށްފައި ވަނީ އީރާންގެ ފާރިސް ނޫސް އޭޖެންސީންނެވެ. އެމެރިކާގެ ޙަމަލާތަކަކީ ޣައިރުޤާނޫނީ ޖަރީމާއެއްގެ ގޮތުގައި އެ މިޝަނުން ސިފަ ކޮށްފައިވާ ކަމުގައި ވެސް ފާރިސުން ރިޕޯޓު ކުރިއެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޓްރަމްޕް ހިންގަވާފައިވާ ޖަރީމާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.