ކުޅިވަރު

ދަނޑިމަގު ސްޕޯޓްސްއިން ވީއޭއެމް ކަޕަށް ނެރޭ ސްކޮޑުގައި މޮންގޯލިއާގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕް 2025 އަށް ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ނެރޭ ސްކޮޑުގައި މޮންގޯލިއާގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނޭ ކަމަށާއިި، ސްކޮޑާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އެ ޓީމަށް އިރުޝާދެދެމުން އަންނަ ކާމިޔާބު ކޯޗު ނިޒާރު އިބްރާހީމް ބުނެފިއެވެ.

މުބާރާތް ތައްޔާރުވުމުގެ ގޮތުން އިމާދުއްދީނުގެ އިންޑޯ ކޯޓުގައި ކުރިއަށް ދިޔަ ފަރިތަކުރުންތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޒާރު ބުނީ ޓީމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި، ޓީމުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ ކަމަށެވެ.

"ޓީމާ ދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ، ޓީމުވެސް ވަރަށް ރަނގަޅު." ނަޒީރު ބުންޏެވެ.

ފޯއްމުލަކަށް ނިސްބަތްވާ ޓީމުގައި ރާއްޖޭގެ އެކި ރަށްތަކަށް ނިސްބަތްވާ ކުޅުންތެރިން ތިބިއިރު، ޓީމު އިތުރަށް ވަރުގަދަކުރުމަށް މޮންގޯލިއާއިން ދެ ކުޅުންތެރިން ވަނީ ގެނެސްފައެވެ. އެ ކުޅުންތެރިންނާއެކު ފަރިތަކުރުންތައްދަނީ ވަރަށް ރަނގަޅަށް ކަމަށާއި، އެ ކުޅުންތެރިންގެ ހުނަރާއެކު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކުޅުންތެރިންނަށް ގިނަ ފައިދާތަކެއްކުރާނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

ކޯޗު ބުނީ ޓީމުގައި ހުރި ކޮންމެ ކުޅުންތެރިއަކީވެސް ޚާއްސަ ކުޅުންތެރިއެއް ކަމަށާއި، ވަކިވަކި ކޮންމެ ކުޅުންތެރިއަކީ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"އަޅުގަނޑުގެ ޚާއްސަ ކުޅުންތެރިން ހައްތަހާވެސް މި ޓީމުގައި ތިބީ. ހަމަ އަޅުގަނޑުގެ އެންމެ ފޭވަރިޓް އެންމެ ރަނގަޅު ކުޅުންތެރިންތައް މިހާރު މި ވަގުތު މިޓީމުގަ މި ތިބީ." ނަޒީރު ކޯޗު ބުންޏެވެ.

ވީއޭއެމްއިން އިންތިޒާމުކުރާ ވީއޭއެމް ކަޕް ފަށާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ކުޅޭނެއެވެ. އެ މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ދަނޑިމަގުން ނުކުންނާނީ އެ ދުވަހުގެ މެންދުރުފަހު 03:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ ވީއޭއެމް ކަޕުގެ ގްރޫޕް އޭގައި ހިމެނެނީ ކުލަބު އެޗްޑީސީ އާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ދަ ސަދާން ސްޕޯޓްސް ކުލަބެވެ.