ޔަހޫދީންގެ ދަޢުލަތުގެ ޖައްބާރު ވެރިޔާ، ބެންޖަމިން ނަތަންޔާހޫ އަށް މަޢާފުދީ، އޭނާގެ މައްޗަށް ހިންގަމުންދާ ޚިޔާނާތުގެ ޝަރީއަތް އިތުރަށް ކުރިއަށް ނުގެންދަން، ޔަހޫދީންގެ އެންމެ ބޮޑު މަދަގުދާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ.
އުމުރުން 75 އަހަރުގެ ނަތަންޔާހޫއަކީ ޔަހޫދީ ދަޢުލަތުގެ ބޮޑު ވަޒީރުންގެ ތެރެއިން އެމީހަކާ ދެކޮޅަށް ކުށެއްގެ ދަޢުވާ އުފުލާފައިވާ ފުރަތަމަ މީހާއެވެ. އޭނާއަކީ 2009ވަނަ އަހަރުން ފެށިގެން ހުރިހާ އަހަރަކުހެން ޔަހޫދީ ދަޢުލަތުގެ ވެރިޔާގެ ގޮތުގައި ޙަރަކާތްތެރި ވަމުން އަންނަ ޖައްބާރެކެވެ.
2019ވަނަ އަހަރު އޭނާގެ މައްޗަށް ރިޝްވަތާއި މަކަރާއި ހީލަތާއި އިތުބާރު ގެއްލުވާލުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވަނީ އޭނާއާ ގާތް މިލިއަނަރުންތަކެއް ދީފައިވާ ހަދިޔާތަކަކާ ގުޅިގެންނާއި މީޑިޔާގައި ނުފޫޒުގަދަ ބަޔަކަށް ނުހައްޤުން ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްދީ އެ މަސައްކަތަށް ބަދަލެއް ދިނުމަށް އޭނާ އެދިފައި ވާތީއެވެ.
އެ ދަޢުވާތަކުގެ ޝަރީއަތް 2020 ވަނަ އަހަރު ފަށާފައިވާއިރު، ނަތަންޔާހޫ ވަނީ އެ ދަޢުވާތަކަށް އިންކާރުކޮށްފައެވެ.
އަންނަ ހޯމަ ދުވަހު އެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކުރުމާ ގުޅިގެން، ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއަށް "ޤައުމީ ބަތަލެއްގެ" ގޮތުގައި ކަނޑައަޅައި، އެ ދަޢުވާތައް އަނބުރާ ގެންގޮސް، ޝަރީއަތް ކުރުން ވަގުތުން ހުއްޓައިލަންޖެހޭ ކަމަށެވެ.
ޔަހޫދީންގެ އިދިކޮޅު ލީޑަރު ޔާއިރް ލަޕިދު ވަނީ، މިކަމުގެ ތެރެއަށް ވަދެވަޑައިނުގަތުމަށް ޓްރަމްޕަށް އިލްތިމާސްކޮށްފައެވެ.
ޓްރަމްޕް، ނަތަންޔާހޫއަށް ކުރާ ޚިޔާނާތުގެ ދަޢުވާތަކުން ސަލާމަތްކޮށް ދެއްވަން، ނުކުންނެވީ، ޔަހޫދީންގެ ދަޢުލަތާ ގުޅިގެން އެމެރިކާއިން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވަނިކޮށެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދިޔައީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ބޮން އަޅައިފައެވެ.
12 ދުވަހަށް ދެމިގެން ދިޔަ ޙަމަލާ ބަދަލު ކުރުންތައް މެދުކަނޑައިލާފައި ވަނީ ޖޫން 24ވަނަ ދުވަހުއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,054އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 4,476އަށް އަރައެވެ.