މަދަނީ ބޭނުންތަކަށް އީރާންގައި ނިއުކްލިޔަރ ޕުރޮގުރާމެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 30 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށާއި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދިނުމާ ގުޅޭ ގޮތުން އެމެރިކާއިން ވިސްނަމުންދާ ކަން ހާމަވެއްޖެއެވެ. މިއީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބޭނުންވާ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ހުއްޓުވުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި އީރާނުން އަލުން ބައިވެރިވުމަށް ބާރު އެޅުމުގެ ގޮތުން ހުށަހެޅުމަށް ނިންމާފައިވާ ބައެއް ކަންކަން ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
މަޝްވަރާތައް އަލުން ފެށުމަށް ބާރު އެޅުމުގެ ގޮތުން އެމެރިކާއިން ވިސްނަމުންދާ ތިންވަނަ ކަމަކީ، ހުޅަނގުގެ ބާރުތަކުން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައި ހުރި އީރާންގެ މުދަލާއި ފައިސާގެ ބައެއް ދޫކޮށްލުމެވެ. މި ކަންކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް ގަލްފުގެ ބައެއް ޤައުމުތަކުގެ މަންދޫބުންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި މަޞްދަރުތަކުން ހާމަކުރިއެވެ. އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައި ވަނީ ޖޫން 20ވަނަ ދުވަހު ވައިޓް ހައުސްގައެވެ. މިހާރު ވެސް އިތުރު މަޝްވަރާތައް ދަނީ ކުރަމުންނެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގަމުންދާ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު މަޝްވަރާ ކުރަން ފަށާފައި ވަނީ އޭޕްރިލް މަހުއެވެ. އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުން ދަނިކޮށް ޖޫން 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައެވެ. އަދި، ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން އެމެރިކާއިން ވެސް ވަނީ ޖޫން 22ވަނަ ދުވަހު އީރާނަށް ބޮންއަޅާފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޖޫން 23ވަނަ ދުވަހު އީރާނުން ޤަޠަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ.
އެމެރިކާއާއި މެދުއިރުމަތީގެ ބައެއް ބާރުތަކާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ، އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އީރާނަށް ބާރު އެޅުމެވެ. އަދި، އެ ކަމަށް އީރާނުން އެއްބަސްވެއްޖެ ނަމަ، އެ ޤައުމަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅުމާ މެދު އެމެރިކާއިން ދަނީ ވިސްނަމުންނެވެ. ނަމަވެސް، އެމެރިކާއިން ވިސްނަމުންދާ ހުރިހާ ހުށަހެޅުމެއްގައި ވެސް އޮތް މައިގަނޑު ޝަރުޠަކީ، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ހުއްޓައިލުމެވެ.
އެމެރިކާއިން މަޝްވަރާ ކުރަމުންދާ އެއް ހުށަހެޅުމުގައި އޮތީ، މަދަނީ ބޭނުންތަކަށް އީރާންގައި ނިއުކްލިޔަރ ޕުރޮގުރާމެއް ހިންގުމަށް 20އާއި 30 ބިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ އިންވެސްޓު ކޮށްދިނުމެވެ. ޢަރަބި ޤައުމުތަކުން އެ ފައިސާ ފޯރުކޮށްދިނުމަށް ވެސް އެމެރިކާއިން ވަނީ ހުށަހަޅާފައެވެ. އޭޕްރިލް މަހުން ފެށިގެން އީރާނާ އެކު ކުރަމުންދާ ސީދާ މަޝްވަރާތަކުގައި ވެސް އެމެރިކާއިން މި ފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ
އެމެރިކާއިން މި ވަގުތު ވިސްނަމުންދާ ދެވަނަ ހުށަހެޅުމަކީ، އީރާނާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމެވެ. މި ގޮތުން، ބޭރުގެ ބޭންކުތަކުގައި ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައި ހުރި އީރާންގެ 6 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޭނުން އެ ޤައުމަށް ހިފޭނެ ގޮތްތަކެއް ރޭވުމަށް އެމެރިކާއިން އޮތީ ހުށަހަޅާފައެވެ. މީގެ އިތުރުން، އެމެރިކާގެ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ކަމަށް ބުނާ އީރާންގެ ފޫރްދޫގައި ހުރި ނިއުކްލިޔަރ މަރުކަޒުގެ ބަދަލުގައި އައު މަރުކަޒެއް ބިނާ ކުރުމަށް އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް އެމެރިކާއިން ދަނީ ވިސްނަމުންނެވެ.
މި ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިޓްކޮފް ވިދާޅުވީ، އެމެރިކާގެ އޮތް ހަމައެކަނި ޝަރުޠަކީ، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ހުއްޓުވައި، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުން ކަމުގައެވެ. އަދި، ވަށާޖެހޭ ފުރިހަމަ އެއްބަސްވުމެއް އީރާނާ އެކު އެކުލަވައިލުމަށް އިސްކަންދޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މަދަނީ ނިއުކްލިޔަރ ޕުރޮގުރާމެއް ހިންގުމަށް ބޭރު ޤައުމެއްގައި މުއްސަނދި ކޮށްފައިވާ ޔުރޭނިޔަމް ގަތުމަށް އީރާނަށް ހުރަހެއް ނޯންނާނެ ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ.
"އީރާނާ އެކު ދެން ބާއްވާ މަޝްވަރާތަކުގައި އަލިއަޅުވައިލާނީ، މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ޕުރޮގުރާމެއް އަލުން ތަރައްޤީ ކޮށްދެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް، ނަމަވެސް ޔުރޭނިޔަމް މުއްސަނދި ނުކުރެވޭނެ ގޮތަކަށް،" ވިޓްކޮފް ވިދާޅުވިއެވެ. މި ކަންކަން އީރާނަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގައި އީރާނާ އެކު އަލުން މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. ނަމަވެސް، އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ މަޝްވަރާތައް އަލުން ފަށާނެ ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމުގައެވެ.