ޚަބަރު

ސިންގަޕޫރު ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން ފައިދާކުރަނިވި ނަތީޖާތަކެއް ހޯދޭނެ: ރައީސް


  • ރައީސް ވަނީ ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވާފައި

  • މުހިންމު 3 ދާއިރާއަކުން އެއްބަސްވުންތައް އެކުލަވާލެއްވި

ސިންގަޕޫރުގެ ސަރުކާރާއިއެކު ކުރެވޭ މަޝްވަރާތަކާއި، އެކުލަވާލެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާތަކެއް ހޯދޭނެކަމަށް ޔަޤީންކުރައްވާކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާއި ބައްދަލުކުރައްވާއި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއާއިއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. މި ބައްދަލުވުމުގައި ދެގައުމުން އެއްބާރުލުން ދޭނެ ދާއިރާތަކާއި އިތުރަށް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކުލަވާލެވުނު އެއްބަސްވުންތަކުން މީހުން ބިނާކުރުމުގެ ދާއިރާއިން ސިންގަޕޫރުގެ އެހީތެރިކަން އިތުރަށް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ސްޓަޑީ ވިޒިޓްތަކާއި، މަތީ ތައުލީމާއި ވޮކޭޝަނަލް ޓްރެއިންތަކުގެ އިތުރުން ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ލިބޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުންތަކާއިއެކު ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާއެކު ކުރެވުނު މަޝްވަރާތަކާއި، ދެޤައުމުގެ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާވެ ހަރުދަނާކުރެވި، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާތަކެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ވިދާޅުވެފައެވެ.