ޚަބަރު

އޯޒޯން ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގައި ޚާއްސަ ޙަރަކާތެއް


  • މި ހަރަކާތް އޮންނާނީ މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި

  • މި ހަރަކާތުގައި 5 ސްޓޯލެއް ހުންނާނެ

ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ މޮންޓްރިއާލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރާ ދުވަހެކެވެ. މި ހަރަކާތް އޮތީ މިއަދު ހަވީރު އާޓިފިޝިއަލް ބީޗްގައެވެ. މި އަހަރުގެ ތީމަކީ "ގްލޯބަލް އެކްޝަން ފޯ އަ ކޫލަރ ޕްލެނެޓް" އެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި، ގޭމްތަކާއި އަދި ތަފާތު މަޖާ ހަރަކާތްތައް ހިމެނޭ ތަފާތު ހަވީރެއް ވަނީ އިންތިޒާމުކޮށްފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަން އާއްމުންނަށް އަންގައިދީ، ދުނިޔެ ހޫނުވުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމެވެ.

މި ހަރަކާތުގައި 5 ސްޓޯލެއް ހުންނާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަކަތައާއި ބެހޭ ވުޒާރާގެ އެނަރޖީ ޑިޕާޓްމަންޓާއި ޔުޓިލިޓީ ރެޖުލޭޝަން އޮތޯރިތީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ އިތުރުން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސްޓޯލްއެކެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސްޓޯލްއިން ތިމާވެއްޓާ ރައްޓެހި ފެހިކަން ގަދަ އަދި ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ގަސް ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. އަދި ޤައުމީ ޔުނިވާރސިޓީއިން އޯޒޯން ފަށަލައާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ގަސްމުށި ހަދިޔާކުރުމާއި، ތިމާވެށީގެ އިޤުރާރުތައް ހިއްސާކުރާ ގަހާއި، އޯޒޯން ފަށަލައާ ގުޅޭ ކުޅިވަރުތަކުގެ އިތުރުން، އާންމުންނަށް ބައިވެރިވެވޭނެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ޔުޓިލިޓީ ރެޖުލޭޝަން އޮތޯރިޓީގެ ސްޓޯލްއިން ހަކަތަ ސަލާމަތްކުރުމަށް އިސްކަންދޭ ކަންކަން ދައްކުވައިދޭނެއެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ބޮކިތަކުން ހޭދަވާ ވޮޓޭޖާއި ހަކަތަ އަޅާކިޔައި ފައިދާހުރި ބޮކިތަކަށް ބަދަލުކުރުމުން ކުރެވޭނެ އިގްތިސާދު އަމަލީގޮތުން ދައްކައިދެވޭނެއެވެ. މީގެ އިތުރުން، ހަކަތައަށް ހޭލުންތެރިކުރުވުމަށްޓަކައި ބައިވެރިވެވޭފަދަ ސުވާލާއި ޖަވާބުގެ ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ. އަދި ހަކަތައާއި ވުޒާރާގެ އެނަރޖީ ސްޓޯލްއިން ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި، ހަކަތަ އިގްތިސާދުކުރުމާއި އަދި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގެ މަގްސަދުގައި އެކުލަވައިލެވިފައިވާ މި ކޮންސެޕްޓްގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން، ސޯލާ ޕީވީގެ މޮޑެލްތައް ދައްކާލުމާއި "ހަކަތަރި" ޕްރޮގްރާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން މި ހަރަކާތުގެ ތެރޭގައި ހިމެނިފައިވެއެވެ.

ދުނިޔޭގެ އޯޒޯން ދުވަސް 2026 ފާހަގަކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، އޯޒޯން ފަށަލަ ރައްކާތެރިކުރުމުގެ މުހިންމުކަމާއި، މިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މައުލޫމާތުތަކެއް ދިނުމަށް ވަނީ ރާވާފައެވެ. އާއްމުންނަށް ހުޅުވާލެވިފައިވާ މި ހަރަކާތަށް ހުރިހާ ބޭފުޅުންވެސް ދުރުވެ، ދިރިއުޅުމުގެ މާހައުލު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަށް މޫސުމީ ބަދަލުތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތްތަކުގައި ބައިވެރިވެގެން ޤުރުއަތުން ހޮވޭ ފަރާތަކައް 12،000 ބީޓީޔޫގެ ހަކަތަރީގެ އޭސީއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.