ޚަބަރު

އެސްއީޒެޑް ފުރަތަމަ މަޝްރޫޢުގެ ގޮތުގައި ސޯލާ ސިޓީ މަޝްރޫޢު ކުރިއަށް ގެންދަން ގިނަ ލުއިތަކެއް


  • 100 މެގަވޯޓުގެ ސޯލާ ނިޒާމެއް ޤާއިމްކުރާނެ

  • މައިސް ފަތުރުވެރިކަމަށް ސަރަހައްދު ތަރައްޤީކުރާނެ

  • ޓެކުހާއި ޑިއުޓީން ޑިވެލޮޕަރަށް ލުއިތަކެއް ދޭނެ

ސޯލާ ސިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ކަނޑައަޅުއްވާ، މަޝްރޫޢު ކުރިއަށްގެންދަން ލުއިތަކެއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިމަޝްރޫޢަކީ އެސްއީޒެޑްގެ މަޝްރޫޢެއްގެ ގޮތުގައި ހިންގުމަށް ހުއްދަ ލިބުނު ފުރަތަމަ މަޝްރޫޢުއެވެ.

ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންވަރު އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ކަންޑައަޅުއްވާފައެވެ. މިކަންކަމާއެކު ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ސޯލާ ސިޓީ މަޝްރޫޢު މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.

ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި މިމަޝްރޫޢު ކަނޑައެޅުއްވުމާއެކު ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބޭއްވި ބިޒްނަސް ފޯރަމުގައި މިމަޝްރޫޢުއާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.

ސޯލާ ސިޓީ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަން:

1. 100 މެގަވޯޓް ގެ ސޯލަރ ނިޒާމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން
2. އެކި ހަރަކާތްތަކާއި، ކޮންފަރެންސް އަދި ބައްދަލުވުންތައް ބޭއްވޭ ގޮތަށް މައިސް ފަތުރުވެރިކަމަށް ހާއްސަކޮށް ސަރަހައްދު ތަރައްޤީކުރުން
3. މުދާ ގެނެސް ބެހެއްޓޭ ގޮތަށް އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކުރުން
4. އެކި ބޭނުންތަކަށް ދިރިއުޅެވޭ ގޮތަށް ސަރަހައްދު ތަރައްޤީކުރުން

އެސްއީޒެޑްގެ ފުރަތަމަ މަޝްރޫޢު ތަރައްޤީ ކުރުމަށް، ގިނަ އިނާޔަތްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަސާސީ ޚިދުމަތްތައް ޤާއިމްކުރަން ޑިވެލޮޕަރަށް ޓެކުހާއި އިމްޕޯޓް ޑިއުޓީގެ ބައެއް އިނާޔަތްތައް ދެއެވެ. އަދި ވިޔަފާރި ހިންގުމަށްވެސް މިފަދަ އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވާއިރު އެކި ބޭނުންތަކުގައި އެ ސަރަހައްދު ތަރައްޤީކުރާއިރު އެ ބޭނުމަކާއި ގުޅޭގޮތަށް މިފަދަ އިނާޔަތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ހިމަނާފައިވެއެވެ.

ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި ކުޑަބަނޑޮހުގެ އިރުން އޮތް ސަރަހައްދުގައި ކަމަށް މިމަޝްރޫޢުގެ އެސްއީޒެޑްގެ މަޝްރޫޢުއެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޤަރާރުގައި ވެއެވެ.