ޚަބަރު

އެކި ދާއިރާތަކުން ޒުވާނުން ތަމްރީންކުރުމަށް 16 ރަށެއްގައި ހިންގާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި


  • މިއީ މުޅިން ހިލޭ ހިންގާ ޕްރޮގްރާމްތަކެއް

  • މިއީ ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކެއް

އިޤްތިޞާދަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް، މާލެ ހިމެނޭހެން 16 ރަށެއްގައި ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

"މީރީ" ޕްރޮޖެކްޓްގެ ފަރާތުން ހިންގާ "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"އަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ ޕްރޮގްރާމެކެވެ.

16 އަހަރާއި 35އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގާ މި ޕްރޮގްރާމުގެ ކޯސްތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމާކާ ނުލައި، މުޅިން ހިލޭ ބައިވެރިވެވޭ ކޯސްތަކެކެވެ.

މި ކޯސްތައް ކުރިއަށްގެންދަނީ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭހެންނެވެ. މިއީ މުޅިންވެސް ނެޝަނަލް ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކެކެވެ.

މިފަހަރު ހުޅުވާލާފައިވާ ޕްރޮގްރާމްގައި ޖުމްލަ 17 ކޯހެއް ކުރިއަށްގެންދެއެވެ.

ކޯސް ހިންގާ ރަށްތަކާއި ކޯސްތައް:

* ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނިފެކްޗަރިންގ - ދ.ރިނބިދޫ ، ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ - ދ.ކުޑަހުވަދޫ
* ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ - ބ.ފުޅަދޫ، ވ.ކެޔޮދޫ
* ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސަސް - ސ.ހިތަދޫ، ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސަސް - ކ.ދިއްފުށި، ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ - ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު - ނ.ޅޮހި، ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް - ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ - ކ.ހިންމަފުށި، ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ - ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން - ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް - ހދ.ކުޅުދުއްފުށި، ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް - ހއ.ހޯރަފުށި، ށ.މިލަންދޫ
* ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ - ރ.ދުވާފަރު، ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ ގދ.ތިނަދޫ، - ޏ.ފުވައްމުލައް
* ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯރެޓަރީ ޓެކްނީކްސް - ކ.މާލެ
* ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް - ބ.ކިހާދޫ، ހ.ކެލާ

ކޯސްތަކަށް ކުރިމަތިލުމަށް ހުށައަޅާނީ ނެޝަނަލް ކެރިއަރ ސަރވިސްގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށެވެ.

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުން ހިމެނެއެވެ.