ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އޮބްލޫ - ސެލެކްޓް ސަންގެލި ރިސޯޓުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ރަސްފަރި ފަރަށް އަރާފައިވަނީ ޕެނަމާގެ "އެމް.ވީނަވިއޯސް އަމަރިލިސް" ކިޔާ ބޯޓެކެވެ. މި ބޯޓު އެރަށު ފަރަށް އަރާފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުން ދަނިކޮށެވެ. 19 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޮޑު އާގު ބޯޓު ރަސްފަރި ފަރަށް ބީހުނީ އެބޯޓުގެ އިންޖީނު ހޫނުވެގެން ނިންވާލާފައި އޮއްވާ އޮޔާ ގެންގޮސްގެންނެވެ.
އީޕީއޭއިން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގާ އޮބްލޫ-ސެލެކްޓް ސަންގެލި (އޯއެސްއެސް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.
އީޕީއޭއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރަސްފަރި އިޔާދަކުރުމުގެ އެންމެހާ މަސައްކަތުގައި އޮބްލޫ - ސެލެކްޓް ސަންގެލިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ފަރަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމާއި، މުރަކަ ނާސަރީ އަދި މުރަކަ އިންދުމުގެ އެންމެހާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
"ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ކޮރަލް ރީފް ރިސްޓޯރޭޝަން ޕްރޮގްރާމްގެ ޕާޓްނަރަކަށް ސަންގެލީ ހުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް." އީޕީއޭއިން ވިދާޅުވިއެވެ.
ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮގްރާމަށް އެހީވުމަށް އީޕީއޭއާއި އޮބްލޫ-ސެލެކްޓް ސަންގެލިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އީޕީއޭއާއެކު މިދިޔަ އަހަރު އޮކްޓޯބަރުގައިވެސް ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުމަކީ އީޕީއޭއިން އިސްނަގައިގެން ކުރިޔަށްގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫޢަށް އެކުންފުނިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށެވެ.
އެގޮތުން، އެމަޝްރޫޢުގައި ބޭނުންކުރަމުންދާ އާރު.ވީ ތިމާވެށި އުޅަނދުގައި އެމްޑަބްލިޔުއެސްސީން ފެން ޕްލާންޓެއް ބެހެއްޓުމާއި ސާރވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީން އެއިރު ވިދާޅުވެއެވެ. އަދި އެކުންފުނީގެ ޢިޖުތިމާއީ ޒިންމާގެ ދަށުން އެމަޝްރޫޢަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމުތައްވެސް މިއެއްބަސްވުމުގެ ދަށުން ހަމަޖައްސައިދޭނެކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
ރަސްފަރު ފަރުގެ ބޮޑު ސަރަހައްދެއްގައި މުރަކަ ނާސަރީ އިންދަން ފަށާފައިވާރު، މިއީ ރާއްޖޭގައި ސަރުކާރުން މިހާބޮޑު މަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ. ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި މިއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުވެސްމެއެވެ.
ބޯޓު ފަރަށް އެރުމުން ފަރުގެ 8.86 އަކަ މީޓަރުގެ ސަރަހަދެއް ވަނީ ހަލާކުވެފައެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި ޖޫރިމަނާއަށްވީ 10 މިލިޔަން ޑޮލަރު އެ ބޯޓުން ވަނީ ދައްކާފައެވެ.